އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ލައްކައާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާ ފަތުރުވެރިކަމުގެ ޑެއިލީ ރިޕޯޓް އިން ދައްކާ ގޮތުގައި މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 783,226 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 728,952 އަޅާ ބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރު ވެސް ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިންނެވެ.

މިގޮތުން ޗައިނާއިން މިހާތަނަށް 84,845 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރު 2 ވަނައިގައި އޮތް ރަޝިއާ އޮތީ 80,075 ފަތުރުވެރިންނާއިއެކު މާކެޓްގެ 3 ވަނައިގައެވެ. މާކެޓްގެ ދެވަނައިގައި 84,191 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިގޮތުން އެދުވަހު ރާއްޖެއަށް 8,778 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.2 މިލިއަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.