މި މަހުގެ 18 ވަނަ ދުވަހު، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި 6،000 އަށްވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފި އެވެ.

ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި މި ޕެޓިޝަންގައި ވަނީ ޔުމްނު އަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ. މީގެ އިތުރުން ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމުކުރުމަށާއި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލާފައިވެ އެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ޕެޓިޝަނުގައި ހިމަނާފައިވެ އެވެ.

އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މި ވަގުތާ ހަމައަށް 6،727 މީހަކު ސޮއިކޮށްފައިވެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުންނާއި އިދާރާތަކުގެ އިހުމާލު ވާކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އެ މުޒާހަރަތާކުގައި ރޭވެސް ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އަދި އިހުމާލުވާ ސަރުކާރު އިދާރާތަކުގެ ވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ރޭގެ މުޒާހަރާގައި ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ފުލުހުން މި މައްސަލާގައި އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައިވާއިރު، ރައުދު ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވާގޮތުން ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.