ޒުވާން އަންހެން ކުއްޖަކު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި، އިސްތިއުފާ ދޭންޖެހޭ ވަރުގެ ކަމެއް ނުހިނގާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ވަނީ ފުލުހުން މި މައްސަލައިގައި އިހުމާލު ވާކަމަށް ބުނެ، ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
މި ތުހުމަތުތަކާއި ގުޅިގެން އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އިސްތިއުފާއަށް ޒުވާނުން ގޮވަމުންދިޔަ ނަމަވެސް އިސްތިއުފާދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިން ވަނީ އިހުސާންގެ އިތުރުން، ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އަދި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ރޭ ގޮވާލައިފައި އެވެ.
އިހުސާން ވިދާޅުވީ އިސްތިއުފާދޭން ޖެހޭވަރުގެ ކަމެއް ހިނގައިގެން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން އިހުސާން ވަނީ ޒުވާނުން މުޒާހަރާ ކުރަނީ މި މައްސަލަ ސިޔާސީ ކުރުމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ނަމަވެސް ޒުވާނުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި ދަނީ ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އިންސާފުވެރި ތަހުގީގެއް ކުރުމަށް ގޮވާލަމުންނެވެ. އަދި މި އެއްވުން ތަކުގައި އެތައް ސަތޭކަ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ.
ފުލުހުން މި މައްސަލައިގައި ދެ ފަހަރެއްގެ މަތިން ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ދެ ގޮތަކަށް ވާހަކަ ދައްކާފައިވާއިރު، މި މައްސަލައިގައި ވެރިންތަކެއްގެ އާއިލީ މީހުން ހިމެނޭތީ، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު މިކަމާއި ގުޅޭ ލައިވް ޕްރެސްއެއްގައި އިންނަވަނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަރަށް ގިނައިން ގުޅުއްވިކަންވެސް ވަނީ ހާމަވެފަ އެވެ.
ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި އޭގެ ކުރީރޭ ޔުމްނުއާއެކު ޕާޓީގައި އުޅުނު ހުރިހާ ޒުވާނުންގެ ވަނަވަރު ހާމަކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެރޭ ޔުމްނުއާއެކު އޭނާ ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ.
ކަމެއް ވެއްޖެތަ! މަނިކުފާން ހަމަހޭގަ ތޯ!
ރިޕްލައި