"ދޫނިވާ ބިއްސާވެލީ ދިޔަރެސްތަކަށް ގެންދާނަމޭ"
އެއީ މަޝްހޫރު ދިވެހި ލަވައެއްގެ ތަންކޮޅެކެވެ. އަޑު އަހާލުމުން ހީވަނީ ބިއްސާވެއްޔަކީ ދޫނިތައް އުޅޭ ތުނޑިއެއް ހެންނެވެ. ބިއްސާވެއްޔޭ ބުނުމުން އެއީ ވެލިގަނޑެކޭ ހީވެދާނެ އެވެ. ކޮންމެވެސް ތުނޑިއަކަށް ބީއްސާ ވެއްޔެއްގެ ގޮތުގައި ހިތަށް ސިފަވިކަމުގައި ވިޔަސް ބިއްސާ ވެއްޔަކީ ތުނޑީގެ ވެލިގަނޑަކާ ގުޅުން ހުރި، އެހެން ނަމަވެސް މުޅިން ތަފާތު އެއްޗެކެވެ.
ބިއްސާވެލީގެ ނަމަކީ ހަމައެކަނި ފުވައްމުލަކުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެ މީހުން ބިއްސާވެއްޔޭ ކިޔަނީ އެ ރަށު އުތުރު ފަރާތުގައި އޮންނަ އޮފް އަރާ ތުނޑީގެ ވެލިގަނޑު، މޫސުމީ ގޮތުން ބަދަލުވާ ބަދަލުވުމުގައި ވެލިގަނޑުގެ މެދުތެރެއިން އުފެދޭ ފެނަގަނޑަކަށެވެ. ބިއްސާވެލީގެ ތައާރަފުގައި ފުވައްމުލަކުގެ ކަރައްޔާ ކަޅު ތުއްތު ދީދީ ވިދާޅުވެފައި އޮންނަ ޅެމެއްގައި އޮވެ އެވެ.
"ބިއްސާވެއްޔޭ ކިޔޭ، އަޑިގަނޑެކެ ވަށައި ހިކޭ، ލޮނު މޫދުގެ ފެންގަނޑޭ، އެތެރޭ ކުދި މަސް ބެދޭ"
ޅެން ބައިތުގައިވާ ގޮތަށް އެތެރޭގައި މަސް ބެދިފައި ހުންނަ ފުން ބިއްސާވެލި ފަހަކަށް އައިސް ފެނުމަކީ ވަރަށް ނުވާ ކަމެކެވެ. ސަބަބަކީ ތުނޑީގެ ވެލިގަނޑު ވަރަށް ބޮޑަށް ކުޑަވެފައިވުމެވެ.
ފުވައްމުލަކުގެ ތުނޑީގެ ވެލިގަނޑު އޭގެ އަސްލު މިންވަރަށް ބޮޑު ކޮށް އޮތް ދުވަސްވަރު ބިއްސާވެލި އުފެދުމަކީ އާންމު ކަމެކެވެ. އޭރު އުފެދޭ ބިއްސާވެލި މައިގަނޑު ތިން ދަރަޖައަކަށް ބަހައިގެން ނަން ކިޔާފައި ހުރެއެވެ. އެއީ ކަނޑު ބިއްސާވެއްޔާއި ފަރު ބިއްސާވެއްޔާއި ވެލި ބިއްސާވެއްޔެވެ.
ކަނޑު ބިއްސާވެލި
ކަނޑު ބިއްސާވެއްޔަކީ އެންމެ ފުން ބިސާވެއްޔެވެ. ކަނޑު ބިއްސާވެލީގައި އިސްކޮޅު ނުޖެހޭ ހިސާބު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ބިއްސާވެލީގައި ބޮޑެތި ފަރު މަސް ބެދިފައި ހުންނާނެ އެވެ. ބައެއް ފަހަރު އެ މަސްތައް ބާނައި އުޅޭ ކަމަށްވެ އެވެ. ކަނޑު ބިއްސާ ވެއްޔަށް އެރި، ފަތައި އުޅޭނީ ރަނގަޅަށް ފަތަން އެނގޭ ބޮޑެތި މީހުންނާއި އެފަދަ ކުދިންނެވެ.
ފަރު ބިއްސާވެލި
ފަރު ބިއްސާވެއްޔަކީ ކަނޑު ބިއްސާވެއްޔަށް ވުރެ ތިލަ، އެހެން ނަމަވެސް އެ އަށް ފައިބައި ފަތާ އުޅެވޭ ވަރަށް ފުން ބިއްސާވެއްޔެވެ. ފަތަން ނޭނގޭ މީހަކަށް ވެސް ފަރު ބިއްސާވެއްޔަކަށް ފައިބައި ފީނައި އުޅެވިދާނެ އެވެ. އެފަދަ ބިއްސާވެލީގައި ވެސް ކުދި މަސް ހުރުން ގާތެވެ.
ވެލި ބިއްސާވެލި
ވެލި ބިއްސާވެއްޔަކީ ވަރަށް ތިލަކޮށް އުފެދޭ ބިއްސާވެއްޔެވެ. ކުދިވެރިން ކުޅެން ފައިބައި އުޅުނު ކަމުގައި ވިޔަސް ފަތައި އުޅެވޭ ވަރުގެ ފުން މިނެއް ނުހުންނާނެ އެވެ. މިފަދަ ބިއްސާވެލީގައި މަސް ހުރުމަކީ ވަރަށް ނުވާނެ ކަމެކެވެ.
ފުވައްމުލައް ނޫނަސް ބައެއް އެހެން ރަށްރަށުގެ ތުނޑީގައި އެފަދަ ފެންގަނޑު ހެދެ އެވެ. އެއަކަށް އެ މީހުން ބިއްސާވެއްޔެކޭ ނުކިޔަ އެވެ. ހަމަ އެފަދައިން ކުރީ ޒަމާނުގައި ފުވައްމުލަކު ތުނޑީގައި ހެދޭފަދަ، ފުން ބިއްސާވެލި ރާއްޖޭގެ އެހެން ރަށްތަކުގައި އުފެދޭކަން އެނގިފައެއް ނެތެވެ. އެހެންކަމުން ބިއްސާވެލީގެ ނަމަކީ ފުވައްމުލަކަށް ޚާއްސަ ނަމެކެވެ.