ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް އިންސާނުންނާއި ރޮބޮޓުން ބައިވެރިވެގެން ބޭއްވި ދުވުމުގެ ރޭހެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޗައިނާގައި ބޭއްވި އެ ހާފް މެރެތޮންގައި ބައިވެރިވި އެތައް ހާސް އިންސާނުންނާއެކު 21 ހިއުމަނޮއިޑް ރޮބޮޓުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި 21 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޭއްވި އެ މެރެތޮންއަކީ މިފަދަ ގޮތަކަށް ދުނިޔޭގައި ބޭއްވި އެންމެ ފުރަތަމަ މެރެތޮން އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ މެރެތޮންގައި އެކި ކަހަލަ ރޮބޮޓުން ބައިވެރިވިއިރު އެ ރޮބޮޓުންގެ އިސްކޮޅު ތިން ފޫޓާއި ހަ ފޫޓާއި ދެމެދު ހުއްޓެވެ.
މި މެރެތޯންގައި ފުރޮޅުލީ ރޮބޮޓުންނަށް ބައިވެރިވުމުގެ ހުއްދަ ނެތުމާއެކު ބައެއް ރޮބޮޓުން ރޫޅާލައި ހިނގައި ބިނގާވެ އުޅެވޭ ގޮތަށް އަލުން ރާވަން ވެސް ޖެހުނެވެ.
އިންސާނުންނާއި ރޮބޮޓުންނާ ދެމެދު ރޭހެއްގެ ވާހަކަ އަޑުއިވުމުން ދެން ކުރެވޭނެ ސުވާލަކީ އެ ރޭހުން މޮޅުވީ ކޮން ބައެއްތޯ ކުރެވޭ ސުވާލެވެ.
މި މެރެތޮން އެންމެ ފުރަތަމަ ނިންމި ރޮބޮޓަށް މެރެތޮން ނިންމާލެވުނީ ދެ ގަޑިއިރާއި 40 މިނެޓުންނެވެ. އިންސާނުންގެ ތެރެއިން އެއްވަނައަށް ދިޔަ ފަރާތް މެރެތޮން ނިންމީ އެއްގަޑިއިރާއި ދެ މިނެޓުންނެވެ.
މެރެތޮންގައި ބައިވެރިވި ރޮބޮޓެއް އުފެއްދި ކުންފުންޏަކުން ބުނި ގޮތުގައި މެރެތޮންގެ ތެރެއިން ތިން ފަހަރު ރޮބޮޓްގެ ބެޓެރި ބަދަލު ކުރަން ޖެހުނު ކަމަށާއި އެއާއެކު ވެސް ރޮބޮޓުންގެ ފަރާތުން ފެނުނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ.
އާޓިފިޝަލް އިންޓަލިޖެންސްގެ ނުފޫޒު ބޮޑުވަމުން އަންނަ މި ޒަމާނުގައި މިކަމުން ވެސް ދޭހަވަނީ އިންސާނުންގެ ސިކުނޑިއާއި އިންސާނީ ގާބިލިއްޔަތުކަމަކީ އެއާ އަޅާކިޔޭނެ ކަމެއް ނޫން ކަމެވެ.