މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖެއް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ވަރަށް ގިނަ ކަންތައްތައް ސިއްރުކުރާތީ ރުޅިގަދަވެގެން ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ ރޭ މުޒާހަރާކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ ހ. ފެންޓޯނިއާގެ ނުވަ ފްލޯއިން ވެއްޓި ޖެހިގެން ހުރި ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެތައް ދުވަހެއް ވަންދެން ފުލުހުން ހިމެނޭނުން ތިބުމަށްފަހު މިކަމާ ގުޅޭ ގޮތުން އިއްޔެ ރޭ ނޫސް ކޮންފަރެންސެއް ބޭއްވި އެވެ. އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ އެ ހާދިސާ ހިނގުމުގެ ކުރިން އެ އަންހެން ކުއްޖާ އާއި އޭނާގެ އެކުވެރިން މާލެ ތެރޭގައި އުޅުނު ގެތަކުގެ ނަންތަކާއި އަދި އެ ކުއްޖާ ވެއްޓުނު ގޮތް ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.

ފުލުހުންގެ ނޫސް ކޮންފަރެންސްގައި ދިން މައުލޫމާތުގައި އެ އަންހެން ކުއްޖާ ގޮވައިގެން ގޮސް ހުކުރު ވިލޭރޭ އުޅުނު ޓްރާންސް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ ނަން ސިއްރުކޮށްފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ ނަންތައް ވެސް ވަނީ ސިއްރުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައި ދިނުމުގައި އެއްވެސް ކަމެއް ސިއްރު ނުކުރުމަށް ގޮވާލަމުންނެވެ.

މާލޭގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން މާލޭގައި ރޭ މުޒާހަރާކުރަނީ.

ރޭގެ މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަނީ މަޖީދީމަގުގައި ހުންނަ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން މަރުކަޒު ދޮށަށް އެއްވެ އަޑު އުފުލައިފަ އެވެ. އެތަނަށް އެއްވި ޒުވާނުން ބުނީ ފުލުހުން ތިބީ ފައިސާއަށް ވިކިފައި ކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް ގޮވާލައިފަ އެވެ. މީގެ އިތުރުން އެ އިމާރާތް މަތިން ފުލުހުން ބުނި ގޮތަށް، 'ފެންލައިޓުން ވެއްޓިދާނެ' ކަމަަށް ބުނެ މަލާމާތުގެ ރާގަށް ވެސް ގޮވައި ހެދި އެވެ.

ޒުވާނުން ކުރި މުޒާހަރާގައި އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ގެންގުޅުނެވެ. އަދި އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް އަންހެން ކުއްޖާގެ މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވި އެވެ. އޭގެ އިތުރުން މި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާއާއި، މި މައްސަލައިގައި ހިމެނޭ ސިޔާސީ މީހުން މަގާމުން ވަކިކުރަން ވެސް ގޮވައިލި އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ބަލައިފާސްކޮށްފައި ވަނީ ވެސް ހ. ފެންޓޯނިއާގެ އާއި އަންހެން ކުއްޖާ ދިރިއުޅޭ ގެ އެވެ. އޭގެ އިތުރުން އެރޭގެ ޕާޓީކުރުމުގައި ބައިވެރިވި 8 މީހުން އެންމެ ފުރަތަމަ ވަން ގެއާއި އޭގެ ފަހުން ހަތަރު މީހުންގެ ފުލުހުން ފާސްކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ، މިހާތަނަށް ތަހުގީގުގެ ބޭނުމަށް އެކަމުގެ ޒަރޫރަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.