ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން ވެއްދުމަށް ބޭނުންކުރާ ފޯމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ޖަވާބަށް ފާޑުކިޔައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޕީއެންސީގެ މެންބަރުކަމަށް އެދޭ ފޯމުގައި ސޮއިކުރާއިރު ހެކިވެރިން އެތަނުގައި ހާޒިރުވެ ތިބެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުކަމަށް އެދޭ ފޯމުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ފޯމުގައި ސޮއިކުރަނީ ހެކިވެރިންގެ ހާޒިރުގައި ކަމަށެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭޓޭ) މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރާ ސުވާލު ކުރެއްވި އެވެ. ފިއްޓޭ ސުވާލު ކުރެއްވީ ފޯމުގައި ހެކިވެރިން ސޮއިކުރަންޖެހެނީ ފޯމުގެ ވެރިފަރާތުގެ ހާޒިރުގައި ކަމަށް އޮތްއިރު، ޑީއެންއާރުގައި ހެކިވެރިންގެ ބައި ފުރިހަމަކުރީ ކީއްވެތޯ އެވެ.
މިނިސްޓަރު އިހުސާން ޖަވާބުގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މީހުން ވައްދާތާ އަހަރުތަކެއް ވީއިރުވެސް އެކަން ކުރާގޮތް ސުވާލުކުރި މެންބަރަށް ސާފުނުވާކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް ވަޑައިގަތީ މިކަން ރަނގަޅަށް ބެއްލެވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރުން މަޖިލީހުގައި ދޭ ޖަވާބުތައް ވާންޖެހެނީ ތެދުބަހުން ދޭ ޖަވާބުތަކަކަށެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ.