ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
ހައިކޯޓުގައި މިއަދު މެންދުރު 1:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ ދެވަނަ އަޑުއެހުން ކެންސަލްކުރަން ޖެހުނީ، އެ ގަޑީގައި މައްސަލަ ބަލާ ފަނޑިޔާރު އެހެން އަޑުއެހުމެއްގައި ބައިވެރިވާންޖެހޭތީ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުނީ އިއްޔެ އެވެ.
އިއްޔެ ބޭއްވުނު އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަކީ ކުރިން ދައުލަތުން އަމަލުކުރަމުން އައި އާންމު އުސޫލެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރަނީ ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި އެކަނި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ޝަމްއާން ހައްޔަރުކޮށްފައިވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮތް ކަމަށް ބަލައިގެންނެވެ.
ފުލުހުން ޝަމްއާން ހައްޔަރުކުރީ މާރިޗު 22 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ބިދޭސީއަކު ހައްޔަރުކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އެހެން ބައެއް މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.