ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ދެކުނު އެފްރިކާއަށް ފަށަން ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރު އަހުމަދު ރަމީޒް ވިދާޅުވީ ފްލައިޓް ގެނެސް ހިދުމަތް ފަށައި، ވޭތުވެދިޔަ 3 މަހެއްހާ ދުވަހު، 5000އަށް ވުރެ ގިނަ ފަސިންޖަރުން އެބޯޓުގައި އުފުލާފައިވާކަމަށާއި އިތުރު މަންޒިލްތަކަށް ދަތުރުފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިތުރު މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާކަން ފާހަގަކުރައްވަމުން ރަމީޒު ވިދާޅުވީ މިހާރު ޔޫރަޕާއި ސައުތު އެފްރިކާ މާކެޓް ބަލަމުންދާކަމަށާއި ޕާޓްނަރުންނާ ބައްދަލުކޮށް އެއްބަސްވުމަކަށް ވެސް އާދެވިފައިވާއިރު ވަރަށް އަވަހަށް ދެކުނު އެފްރިކާއަށް އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށެވެ.

"މިހާރު ޔޫރަޕާއި ސައުތު އެފްރިކާ މާކެޓް ދަނީ ބަލަމުން. ޕާޓްނަރުންނާ ބައްދަލުކޮށް އެއްބަސްވުމަކަށް ވެސް އާދެވިފައިވަނީ. ވަރަށް އަވަހަށް ސައުތު އެފްރިކާއަށް އޮޕަރޭޝަންތައް ފެށިގެންދާނެ،" ރަމީޒް ވިދާޅުވި އެވެ.

މިވަގުތު ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫ އަށް ކުރަމުންދާއިރު މޯލްޑިވިއަނަށް މީގެ ދެވަނަ ބޯޓު ހޯދާ ދެވަނަ ބޯޓު މިއަހަރު އޮކްޓޯބަރުގައި ރާއްޖެ ގެނެސް ހިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.