ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރުމުގެ މައްސަލަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ބަލަން ފަށައިފި އެވެ.
"ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި މުޝްފިގު ގެއްލިފައިވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ރޭ ބޭއްވުނު ކަމަށް މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވަނީ މައުލޫމާތު ދެއްވައިފަ އެވެ. އަދި މިއަދުވެސް އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މާވަށު މެޖިސްޓްރޭޓް ކޯޓުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ސުވާލުކުރަން ހުރި ކަންކަމާ ގުޅިގެން ސުވާލުކުރެވޭނެ އެވެ.
ކޯޓުން ވިދާޅުވީ މި މައްސަލަ ކޯޓު މަރުހަލާގައި ދިގުލައިގެން ނުދާނެ ކަމަށެވެ. ނަމަވެސް މުޝްފިޤުގެ މަރު ސާބިތުކުރުމުގެ މައްސަލަ އަދިވެސް ބަލަމުން ގެންދާތީ މާދަމާ ކަށުނަމާދު ކުރެވޭނެ ކަމަކަށް ނުބެލެވޭ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވަނީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުީއަތުން ކަނޑައެޅުމުން ކަމަށެވެ.
މުޝްފިޤުގެ އާއިލާއާ ވާހަކަދައްކައި، އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށްފަހު މި ހުކުދު ދުވަހު ކަށުނަމާދުގެ ކަންކަން އިންތިޒާމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.