ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ހިދުމަތް ހޯދުމަށްޓަކައި ތައާރަފްކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުން ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.

މިއާއެކު އެއިދާރާއިން ފޯރުކޮށްދެމުންދާ ބައެއް ހުދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަން ފާހަގަކޮށް އެމްޕީއެލުން ބުނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެހިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި އެޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް އެމްޕީއެލުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުމެވެ.

އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިދުމަތްތައް ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފަވާއިރު އޭގެ ތެރޭގައި ހިމެނެނީ ޝިޕިން އޭޖެންޓުން ރަޖިސްޓްރީކުރުމާއި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި ފްރައިޓް ފޯވާޑަރުން ރަޖިސްޓްރީ ކުރުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި ސީ ކާގޯ މެނިފެސްޓް ހުށަހެޅުމެވެ.

ކަސްޓަމްސް އިތުރަށް ބުނާގޮތުގައި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ޓްރޭޑިއަންގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކާގޯ މެނިފެސްޓް ހުށަހެޅުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ކަސްޓަމްސް އަށް ހުށަހެޅުމުގެ ހިދުމަތްތައް މިހާރެކޭ އެއްގޮތަށް ލިބޭނެ އެވެ.