މަންޓާ އެއާގެ މުވައްޒަފުންނަށް މިމަހުން ފެށިގެން މުސާރައިގެ ދެބައިކުޅަ އެއްބައި ދިވެހި ރުފިޔާއިން ދޭން ފަށައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެންމެ ބޮޑު އަމިއްލަ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު މައުމޫން (މާނު) "ހުރިހާ" އަށް މިއަދު ވިދާޅުވީ މުސާރައިގެ 50 ޕަސެންޓް ދިވެހި ރުފިޔާއިން ދޭން ޖެހުނީ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 20 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ. އެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން ލިބޭ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ ބޮޑު ބައި މިއޮންނަނީ ޑޮލަރުން ދައްކަން ޖެހޭ ގޮތަށް. ބޭރަށް ދައްކަން ޖެހޭ ހުރިހާ ޕޭމަންޓަކާއި ތެޔޮ ގަނެފައި ވެސް ދައްކަން ޖެހެނީ ޑޮލަރުން،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެ ކުންފުނިން ބޮޑު ބައެއް ޑޮލަރުން ދައްކަން ޖެހުމުން މުވައްޒަފުންނަށް އެއްކޮށް ޑޮލަރުން މުސާރަ ދީފި ނަމަ ބޭރުގެ ޕޭމަންޓްތައް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މިހާރު މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ކިރިޔާ މެނޭޖްކުރެވޭނީ. އެކަމާ ގުޅިގެން ވަރަށް ގިނަ ޝަކުވާތައް އަންނަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގާތްގަނޑަކަށް 500 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންނަށް ފެށުނީއްސުރެ މުސާރަ ދެމުން އައީ ޑޮލަރުން ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ޚަލީލްގެ ހިއްސާ އޮންނަ އެއާލައިންގެ އިތުރުން އޭނާގެ ހިއްސާ އޮންނަ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސްޗާޖު ދެނީ ދިވެހި ރުފިޔާއިންނެވެ.