ސްޕޯޓްސް ފިޝިން ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ސްޕޯޓް ފިޝިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އަދި ފްލައި ޒޯން ފިޝިން ގެ ފައުންޑާ، ރޮބަޓް "ފްލައި" ނަވާރޯ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަވާރޯ އާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނީ އޭނާ އަކީ ދުނިޔޭގެ ހަ ބައްރަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގްލަރެއް ކަމަށާ އޭނާ އަކީ ދުނިޔޭގެ ހަމައެކަނި "ބްލޫ މާލިން" މުބާރާތް ކަމަށްވާ "ބްލޫ މާލިން ވޯލްޑް ކަޕް"ގެ ކޯ ކްރިއޭޓަރު ކަމަށެވެ.
މިއީ ބައިނަލްއަގްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތަކަށްވާއިރު މި އެމްބެސެޑާޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން އެމްއެމްޕީއާރުސީ އިން މޭ މަހުގެ 2 އިން 4 އަށް ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިންގް މުބާރާތުގައި ނަވާރޯ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިކަމާ ގުޅޭގޮތުން ނަވާރޯ ބުނީ ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިން ވެސް އެންމެ ހިތްގައިމު އެއް މާހައުލުކަމަށްވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.