ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވާލާފައި މިވަނީ ވަކި މަގުޞަދެއްގަ އެވެ. އެއީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކަމަށް އެމްޑީޕީން ދެކެ އެވެ.

މި އިސްލާހަކީ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ދިނުމަށް ގެނެވުނު އިސްލާހެކެވެ. މި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވެ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވާލާފައި މިވަނީ މި މައްސަލައިގެ ނިންމުމަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގަ އެވެ.

މިއީ ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކުރަމުންދަނީ އިންސާފުވެރިކޮށް ނޫނެވެ. އެގޮތުނ ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގު ނުދިނުމާއި، ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަތުމުގެ މައްސަލަ އެޕާޓީން ފާހަގަކޮށްފައިވެ އެވެ.

އެޕާޓިން ގޮވާލީ، ސަރުކާރާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ގާތުން ބެލުމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުން ވެސް ޖުޑިޝަރީގެ ދިފާއުގައި ތެދުވުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.