މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު ހުއްދަ ދެއްވައިފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ އިމާމް ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެ މިނިސްޓްރީން ނުބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ. ފުރަތަމަ ފަހަރަށް ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަިއގެންފައި ވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް 1984 ވަނަ އަހަރު އެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު މުހައަމަދު އައްސުބައްޔިލެވެ.
ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވުމުގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، އާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ. ސަލާހުލް ބުދައިރުއަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވަ އެވެ. އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.