ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިޒްރޭލްގެ ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އިސްލާހު ގެނެސްފައިވަނީ ބިލުގެ މަގްސަދާ ހިލާފުވާ ގޮތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު މީކާއިލް ހުށަހެޅުއްވި މި ބިލު މަޖިލީހުގެ 241 ކޮމިޓީގައި ގިނަ ދުވަސްތަކެއް ވަންދެން "ތާށިވެފައި" އޮތުމަށްފަހު ބިލަށް އިސްލާހު ގެނެސް ބިލު ފާސްކޮށްފައި ވަނީ އިއްޔެ އެވެ.
މިގޮތުން ކޮމިޓީން އިއްޔެ ބިލު ފާސްކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓަންދެން އެގައުމުގެ ޕާސްޕޯޓް މަނާކުރާ ގޮތަށް އަދި މޯލްޑިވްސް އިމިގްރޭޝަނުން ދިން ލަފާ އާއި އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކޮށް، ހަމައެކަނި އިޒްރޭލް ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް މަނާވާ ގޮތަށެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން މީކާއީލް ވިދާޅުވީ، ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓެން ވެގެން މަޖިލީހުން އަވަސް އަރުވައިލައިގެން މި ބިލުގެ މަސައްކަތް ނިންމަން މަސައްކަތް ކުރަނީ މި ބިލު ހުށަހެޅި މަގްސަދާ މުޅިން ހިލާފަށް ކަމަށެވެ.
"ސަރުކާރަށް ކުރިމަތިވަމުންދާ ޕްރެޝަރަށް ކެތްނުކުރެވިގެން މިއަދު އަޅުގަނޑުމެންނަށް މި ފެންނަނަނީ މި ބިލު ހުށަހެޅި މަގްސަދާ މުޅިން ހިލާފަށް މި ބިލު މުޅިން އޮޅައިލުމަށްފަހު އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވައިލައިގެން މި ބިލުގެ މަސައްކަތް ނިންމައި، މި ބިލުން އެ ބޭފުޅުންނަށް ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓެން ވެގެން މި ބިލު ފާސްކުރަން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މީކާއީލް ވިދާޅުވި އެވެ.
އޮކްޓޫބަރު 2023، 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގޮތަށް ކަނޑައަޅާފައި އޮތުމުން ލާއިންސާނީ ހަމަލާ ދެމުން ގެންދާކަން ކަނޑައަޅާނީ ކާކުތޯ މީކާއީލު ވަނީ ސުވާލު އުފައްދަވާފަ އެވެ.