ޗުއްޓީގެ 50 އިންސައްތައިގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރެއްވި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ފަލާހް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މެންބަރު ފަލާހް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ކޮށްފައިވަނީ ގައުމަށް ވަރަށް ފައިދާ ހުރި ހިދުމަތްތެރި މަސައްކަތްތަކެއް ކަމަށާއި ވަރަށް މުހިންމު ގާނޫނު ތަކަކަށް އިސްލާހު ގެނެސް، މުހިންމު ގާނޫނު ތަކެއް އަލަށް ތައާރަފްކޮށްފައިވާ ކަމަށެވެ.
މެންބަރު ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހުގައި މިހާތަނަށް މެންބަރުންނަށް ދެ ޗުއްޓީއެއް ލިބުނުއިރު، ލިބުނު ދެ ޗުއްޓީގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުރުމުން މަޖިލީހަށް ނުކުމެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. މިގޮތުން ޗުއްޓީ ގެ 50 އިންސައްތައިގައި މަސައްކަތް ކޮށްފައިވާނެ ކަމަށް މެންބަރު ފަލާހް ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެންގެ މި 20 ވަނަ މަޖިލީހުގައި މިހާ ހިސާބަށް އަޅުގަނޑުމެންނަށް ދެ ޗުއްޓީއެއް ލިބިއްޖެ. ލިބުނު ދެ ޗުއްޓީގައި ވެސް އަޅުގަނޑުމެން ވާނީ ޗުއްޓީގެ ދެބައިކުޅަ އެއްބައި މަސައްކަތް މި މަޖިލީހުގައި ހުރީމަ ނިކުމެ މަސައްކަތް ކޮށްފައި. ޗުއްޓީގެ 50 ޕަސެންޓު މަސައްކަތް ކޮށްފައި ވާނީ،" މެންބަރު ފަލާހް ވިދާޅުވި އެވެ.
މިއާއެކު މި ސަރުކާރުން ގެންނަނީ މިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުން ގެނައި ކަހަލަ އިސްލާހުތަކެއް ނޫންކަން ފާހަގަކުރައްވަމުން މެންބަރު ފަލާހް ވިދާޅުވީ، އެމްޑީޕީއިން 19 ވަނަ މަޖިލީހުގައި ގެނައީ ކުޑަކުދިން ކުޅޭއިރު ގެންނަ ކަހަލަ އިސްލާހުތަކެއް ކަމަށެވެ.
މިގޮތުން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވި އިރުން ފެށިގެން މިދިޔަ ދައުރުގައި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީން ކުރި މަސައްކަތަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ރައީސް މުހައްމަދު މުއިއްޒު މަގާމުން ދުރުކުރަން މަސައްކަތް ކުރުން ކަމަށެވެ.
ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހުން މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރަން ކުރާ މަސައްކަތް ރައްޔިތުންނަށް ފެންނާނެކަމަށެވެ.