ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވާފައިވާ އެއްވެސް މަސައްކަތެއް މި ދައުރުގައި މިހާތަނަށް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މިއަދު ކުރިއަށްދާނީ އަޒަރްބައިޖާނުގެ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް މީހަކު އައްޔަނު ކުރުމުގެ މައްސަލަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމުގެ މަސައްކަތް ނުހިނގާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު ޒިޔާދު ވިދާޅުވީ މި ދައުރު ފެށުނީއްސުރެ މަޖިލީހުން ކުރާ މަސައްކަތަކީ ނޮން ރެޒިޑެންޓަލް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަސައްކަތެއް ނެތް ވާހަކަ އަޅުގަނޑު މި ދަންނަވަނީ ވަރަށް ބޮޑަށް ރައްޔިތުން އެކަމުގެ ކަންބޮޑުވުން ވެސް އޮތަތީވެ،" މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މިއާއެކު މެންބަރު ޒިޔާދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވި މަސައްކަތެއް މި ދައުރުގައި މަޖިލީހުގައި ނުކުރާ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.