މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ހިމެނޭހެން 6 އަންހެނަކު މިއަދު ޖައްވަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.
މުޅިން އަންހެން ފަޅުވެރިން ހިމެނޭ މި ކުރޫގައި ކެޓީ ޕެރީގެ އިތުރުން ހިމެނެނީ މަލްޓި ބިލިއަނަރު ޖެފް ބެޒޯސްގެ ލޯބިވެރިޔާ ލޮރެން ސަންޗެޒް އާއި ޓީވީ ޕްރެޒެންޓަރު ގޭލް ކިންގް އާއި އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް އަމެންޑާ ގުއެން އާއި ފިލްމު ޕްރޮޑިއުސަރު ކެރިއަން ފްލިންގެ އިތުރުން ޖައްވީ އިދާރާ ނާސާގެ ކުރީގެ ރޮކެޓް ސައިންޓިސްޓް އައިޝާ ބޯވް އެވެ.
ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން ރޮކެޓުން މިއަދު އެމެރިކާގެ ޓެކްސަސް ގަޑިން ހެނދުނު 8:30 ގައި މި މީހުން ޖައްވަށް ދިޔުމަށް ހަމަޖެހިފައިވާއިރު، މިއީ އެ ކުންފުނީގެ އެންއެސް-31 ގެ ނަމުން ނަންދީފައިވާ އާ ޝެޕާޑް ޕްރޮގްރާމްގެ ދަށުން ކުރާ ދަތުރެކެވެ.
ބްލޫ އޮރިޖިން އިން ބުނާ ގޮތުގައި މިއީ ގިނަ ޖީލުތަކަކަށް ދެމިގެންދާގޮތަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.
މިއީ 60 އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުން ފިރިހެން ފަޅުވެރިޔަކާ ނުލާ ހަމައެކަނި އަންހެނުން ޖައްވަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފިރިހެނަކާ ނުލާ ޖައްވަށް ދަތުރުކުރި އަންހެން ފަޅުވެރިއެއްގެ ލަގަބު ހޯދާފައިވަނީ 1963 ވަނަ އަހަރު ޖައްވަށް އެކަނި ދަތުރުކުރި ރަޝިއާގެ އިންޖިނިއަރެއް ކަމަށްވާ ވެލެންޓީނާ ޓެރެޝްކޯވާ އެވެ.
މިދަތުރުގައި އެމީހުން ދުނިޔެއާއި 62 މޭލު ދުރަށް ދަތުރުކޮށް ޖައްވު ފެށޭ ރޮނގު ކަމަށް ކަނޑައަޅާފައިވާ ކާމަން ރޮނގު ހުރަސްކުރާނެ އެވެ. އަދި ޖައްވުގައި 4 މިނިޓް ވަންދެން ދުނިޔެއާއި ޖައްވު ބަލާލުމަށް އެމީހުންނަށް ފްލޯޓް ކުރެވޭނެ އެވެ. އެއަށްފަހު 3 ވައިކުޑައިގެ އެހީގައި އެމީހުން ގޮވައިގެން ދަތުރުކުރާ ކެޕްސޫލް އެނބުރި ދުނިޔެއަށް އަންނާނެ އެވެ.
ކެޓީ ޕެރީ ހިމެނޭހެން ޖައްވަށް މިއަދު ދިޔުމަށް ހަމަޖެހިފައިވާ 6 މީހުން ޖައްވީ ރޮނގު ހުރަސްކުރި ނަމަވެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އާއި ނާސާ އާއި އެމެރިކާގެ އިސްކަރިއްޔާއިން ވެސް އެމީހުންނަށް އެސްޓްރޮނޮޓްގެ މަގާމެއް ނުދޭނެ އެވެ. ސަބަބަކީ އެސްޓްރޮނޮޓުންގެ ގޮތުގައި ބަލައިގަތުމަށް ވަކި ހާއްސަ ކްރައިޓީރިއާއެއް އޮންނާތީ އެވެ.
އެމެޒަންގެ ކޯ ފައުންޑާ ޖެފް ބެޒޯސްގެ ރޮކެޓްތަކުގައި މިހާތަނަށް ޖައްވަށް 52 މީހުން ގެންގޮސްފައިވާއިރު، މީގެ ތެރޭގައި 2022 ވަނަ އަހަރު އުމުރުން 90 އަހަރުގައި ޖައްވަށް ދަތުރުކުރި މަޝްހޫރު ސްޓާ ޓްރެކްގެ އެކްޓަރު ވިލިއަން ޝަޓްނާ ހިމެނެ އެވެ.