ކުރީ ޒަމާނުގައި ބޭނުންކުރެވުނު އައިސްއަލަމާރިތަކަކީ މިހާރުގެ އައިސްއަލަމާރިތަކާ ވަރަށް ތަފާތު އެއްޗެހިކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ.
މީގެ އެތަށް އަހަރެއް ކުރިން ބޭނުން ކުރެވުނު އައިސްއަލަމާރި ތަކަކީ މިހާރު ބޭނުންކުރެވޭ އައިސްއަލަމާރިއާ އެތައް ގުނައަކުން ތަފާތު އެއްޗެކެވެ. އެގޮތުން 1956 ވަނަ އަހަރުގެ ކުރިން ބޭނުންކުރެވުނު އައިސްއަލަމާރިތަކުގެ ދޮރު ހުޅުވެނީ ހަމައެކަނި ބޭރުންނެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ކުޑަކުދިން މަރުވެފައިވާކަން އެނގިފައިވެ އެވެ.
އޭރުގައި ކުޑަކުދިން ކުޅެމުންދާއިރު، އުކާލާފައި ހުންނަ އައިސްއަލަމާރިތަކުގެ ތެރެއަށް ވަދެ، އެތެރޭގައި ތަޅުލެވި، ނުކުމެވެން ނެތި ވައި ބަންދުވެގެން މަރުވެފައިވާ ހިތާމަވެރި ހާދިސާތައް ވަރަށް ގިނައިން 1900 ގެ އަހަރުތަކުގައި ހިނގި އެވެ. މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި، 1956 ވަނަ އަހަރު އެމެރިކާގައި "ރެފްރިޖަރޭޓަރ ސޭފްޓީ އެކްޓް" ގެ ނަމުގައި ޤާނޫނެއް ވެސް ފާސްކުރެވުނެވެ.
މިހާރުގެ އައިސްއަލަމާރިތަކުގެ ދޮރުގައި މެގްނެޓިކް ބޭނުންކުރެވިފައިވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކަ އެވެ. މިހާރުގެ އައިސްއަލަމާރިތަކުގެ ދޮރަކީ ފަސޭހައިން ހުޅުވޭގޮތަށް ފަރުމާކުރެވިފައިވާ އަލަމާރިތަކެކެވެ.