ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ހެނދުނު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.
މި ހާދިސާގައި ޒަޚަމްވެފައި ވަނީ ހދ. ހަނިމާދޫ، އަބްދުލް މާނިއު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މާނިއު އުދުއްސި ސެސްނާ -125 މަރުކާގެ މަތިންދާބޯޓު ބިމަށް ޖައްސާ ނިމުމަށްފަހު، ބޯޓުގެ އިންޖީނު ނިއްވާ ނުލައި ފައިބައިގެން ދަނިކޮށް، ބުރަފަތިގައި ޖެހިގެންނެވެ.
"ބޯޓުން ފައިބައިގެން ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ. ވެއްޓި ބުރަފަތީގައި ޖެހުނީ. އޭނަ ހޮޑުލަވައިގަނެފައި ހުރީމާ ބޯޓުން ފޭބީ އަވަހަށް. އޭރު ނުނިއްވައި ހުރީ ޕްރޮޕް. އިންސްޓްރަކްޓަރު ބޯޓު ތެރޭގައި އިނީ," ފިލިޕީންސްގައި ކިޔަވާ އެހެން ދިވެހި ދަރިވަރެއް "އަދަދު" ނޫހަށް ބުނެފައިވެ އެވެ.
މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެ އެވެ. އަދި އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ މާނިއުގެ މޫނަށް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.