ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 29 އަހަރުގެ ޒުވާނެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް 1 އާއި 2 ގުޅުވައިދޭ ބްރިޖުން އަރައިގެން ދަނިކޮށް، ވެމްކޯ ސައިޓު ކައިރިންނެވެ.

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ބޮލަށާއި ކަނދުރާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެ އެވެ. އަދި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށާއި، އޭގެ ފަހުން އިތުރު ފަރުވާއަށް ރޭ ދަންވަރު އައިޖީއެމްއެޗަށް ބަދަލުކުރި ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިވަގުތު އޭނާއަށް ފަރުވާ ދެމުން ދަނީ އެމަޖެންސީ ރޫމުގަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ސަރަހައްދު އަނދިރިކޮށް އޮތުމާއެކު، ބްރިޖުން ފައިބައިގެން އަންނަނިކޮށް ކުއްލިއަކަށް ބަންޕަރެއް ފެނުމުން ސައިކަލުގެ ބްރޭކް ޖެހުމާއެކު ކަހާލައިގެން ވެއްޓުނު ކަމަށެވެ. އަދި ވެއްޓުނު އިރު އެއްވެސް ހަރަކާތެއް ނެތި، ހޭނެތިފައި އޮތް ކަމަށާއި، ބޮލާއި ގައިގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.