ސްކިން ޓެގްއަކީ ގައިގެ ހަމާ އެއްކުލައެއްގައިވާ، ތަދު އިހުސާސް ނުވާ، ބޭރަށް އެލިފައި ނުވަތަ އުފުލިފައި ހުންނަ ހަންކޮޅުތަކަކަށް ކިޔާ ނަމެކެވެ. އުމުރު މައްޗަށް ދާވަރަކަށް ހަށިގަނޑުގެ އެކި ތަންތަނުގައި މިފަދަ ކުދި ހަންކޮޅުތައް ނުވަތަ ސްކިން ޓެގްސް އުފެދުމަކީ ވަރަށް އާންމު މައްސަލައެކެވެ.
އާންމުކޮށް ސްކިން ޓެގްސް ހުންނަނީ ދެހަން ކޭއްތޭ ދިމާތަކުގަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ކަރުދަށް، ލޮލުގެ ވަށައިގެންވާ ހަމުގެ ފަށަލަ، ލަދުވެތި ގުނަވަން ހިމެނޭ ހިސާބުތައް، ކިހިލިފަތް ފަދަ މިނޫން ވެސް ދެހަން ކޭއްތޭ ތަންތަން ހިމެނެ އެވެ.
ހަކުރުބަލީގެ މީހުންނާއި ހަށިގަނޑު ފަލަކޮށް ތިބޭ މީހުންނާއި އަދި ހޯމޯންގެ މައްސަލަ ދިމާވާ މީހުންގެ ހަށިގަނޑުން މިމައްސަލަ އާންމުކޮށް ފެނުނު ކަމުގައިވި ނަމަވެސް، އެއްވެސް ބައްޔެއް ނެތް މީހުންގެ ހަށިގަނޑުގައި ވެސް ސްކިން ޓެގްސް އުފެދެން ދިމާވެ އެވެ. އަދި މީގެ ސަބަބުން ތަދު އިހުސާސް ނުވި ކަމުގައި ވިނަމަވެސް ލައިގެން ހުންނަ ފޭރާމާއި ގަހަނާ ނުވަތަ އެނޫން ވެސް އެއްޗެއްގައި ކޭއްތޭ ނަމަ އުނދަގޫތަކެއް ނުވަތަ ކޮންމެވެސް ވަރެއްގެ ތަދެއް އިހުސާސް ކުރެވޭނެ އެވެ.
ސްކިން ޓެގްސް ނަގަން ޖެހޭނެތަ؟
ހިމަ ލޭނާރުތަކާއި ގުޅިފައިވާތީ ސްކިޓެގް އަމިއްލައަށް އުފުރާލަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކަތުރަކުން ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން ކަފާލައިފިނަމަ ގިނަ އަދަދަކަށް ލޭއައުން އެކަށީގެންވެ އެވެ. ސްކިން ޓެގްއަކީ އޭގެ ޒާތުގައި ފަރުވާއެއް ބޭނުންވާ ކަމެއް ނޫނެވެ. އެއީ ފުރާނައަށް ނުރައްކާވުމެއް މިކަމުގައި ހިމެނިފައި ނުވާތީ އެވެ. އެހެން ނަމަވެސް އޭގެ ސަބަބުން އުނދަގޫވާނަމަ ހަމުގެ ޑޮކްޓަރަކަށް ދައްކައިގެން ވަރަށް ފަސޭހައިން އެއީ ނައްތާލެވިދާނެ އެއްޗެކެވެ.
ރާއްޖޭގައި ސްކިން ޓެގަށް އާންމުކޮށް ދެވޭ ފަރުވާއަކީ އަންދާލުމާއި ކަފާލައިގެން ނެގުމެވެ. ސްކިން ޓެގްސްއަކީ މިގޮތަށް ނައްތާލުމުން ދެވަނަ ފަހަރު އުފެދޭ އެއްޗެއް ނޫނެވެ. އަދި އަންދާލިތަނުގައި ވަގުތީގޮތުން ކުލަ ބަދަލުވެފައި ހުރި ނަމަވެސް ދާއިމީކޮށް ލަކުނު ނުހުންނަ ގޮތަށް ފަރުވާކުރެވެ އެވެ.
ސްކިންޓެގް އުފެދެނީ ކީއްވެ؟
ދެހަން ދިމާވެ، ކޭއްތޭ ދިމާތަކުގައި އުފެދޭ ސްކިން ޓެގް އެންމެ އާންމުކޮށް ފެންނަނީ ހަށިގަނޑު ފަލަކޮށް ތިބޭ މީހުން، މާބަނޑު މީހުން، އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ގައިގެ ހަނގަނޑު ދޫވަމުންދާ މީހުންގެ ގައިންނެވެ. ކުރިން ބުނެވިދިޔަ ފަދައިން ސްކިން ޓެގް ހުރުމަކީ ސިއްހަތަށް ގެއްލުން ހުރިކަމެއް ނޫނެވެ. ނަމަވެސް ހަކުރުބަލީގެ މީހުންނާއި، ލޭމައްޗަށް ދާ މީހުންނާއި، ކޮލެސްޓްރޯލް މަތީގައި ހުންނަ މީހުންގެ ހަށިގަނޑުގައި ސްކިން ޓެގްސް ގިނަކަން ފާހަގަ ކުރެވިފައިވެ އެވެ. ވީމާ އާދަޔާ ޚިލާފަށް ސްކިން ޓެގްސް ގިނަނަމަ ހަކުރުބައްޔާއި ކޮލެސްޓްރޯލް ޗެކް ކޮށްލަން ވާނެ އެވެ.
ހަނގަނޑުގައި ސްކިން ޓެގްސް ހުރުމަކީ އުނދަގޫނެ ކަމެކެވެ. އެކަމަށް ރަނގަޅު ފަރުވާއެއް ކުރެވިއްޖެ ނަމަ، އޭގެ ސަބަބުން ލިބޭ އުނދަގުލުން ސަމާލު ވެވޭނެ އެވެ.