ހޮޅުދޫ ބޯޓުގައި ދިމާވި ހިތާމަވެރި ހާދިސާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ޝަރުއީ ކޯޓަކުން ކަށަވަރުކުރުމަށްފަހު، އަންނަ ހުކުރު ދުވަހު އޭނާގެ ކަށުނަމާދު ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ގެންދާކަމަށް މައުލޫމާތުލިބިއްޖެ އެވެ.

މި މައުލޫމާތު ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މުޝްފިގުގެ އާއިލާއާ މަޝްވަރާކުރުމަށްފަހު، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން މި ނިންމުން ނިންމާފައިވާ ކަމަށެވެ. އަދި ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

މުޝްފިގުގެ އުފަންރަށް ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދު ކުރުމަށް ރޭވިފައިވީ ނަމަވެސް، ކަށުނަމާދު ވަނީ ފަސްކުރެވިފަ އެވެ. އަދި މުޝްފިގުގެ ކަށުނަމާދު ފަސްކުރެވުނީ އާއިލާގެ އެދުމުގެ މަތިން ކަމަށް ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި ކަނޑަށް ގެއްލޭ މީހުންގެ މަރާއި މެދުގައި ގޮތެއް ކަނޑައަޅާނީ ގާޒީ އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިކަން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސް އަންނަ ހަފްތާގެ ހުކުރު ދުވަހު ކަށުނަމާދު ބޭއްވޭތޯ މަސައްކަތް ކުރައްވާނެ އެވެ.

މުޝްފިގަކީ ގުރުއާން ކިޔެވުމުގައި ހުނަރުވެރި، އިމާމުވެ ނަމާދުކުރުމުގައި ނަމޫނާ ޒުވާނެކެވެ.