ބައިނަލްއަގްވާމީ ޖައްވީ އިދާރާ ނާސާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އިންސާނުންގެ ބޮޑުކަމުދާތަކެތީގެ މައްސަލައަށް ހައްލެއް ހޯދައިދިން ފަރާތަކަށް ތިން މިލިއަން ޑޮލަރުގެ އިނާމެއް އެ އިދާރާއިން ހުށައަޅައިފި އެވެ.

ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ދަށުން ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުމަށް އެ އިދާރާއިން އަމާޒު ހިފާފައިވާއިރު މި މައްސަލައަކީ މިހާތަނަށް ހައްލުނުވެ އޮތް ކަމެކެވެ.

އެގޮތުން ޖައްވީ މިޝަންތަކުގައި ނާސާގެ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދާ ސައިންސްވެރިންގެ ބޮޑުކަމުދާ ތަކެތި ނައްތާލާނެ ގޮތެއް އަދި އެ އިދާރާއަށު ހޯދިފައެއް ނުވެ އެވެ.

އެހެން ކަމުން ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ތަކެތި ބޭނުން ކޮށް ރީސައިކަލް ކުރާނެ ގޮތުގެ އެންމެ ރަނގަޅު ޕްލޭނެއް ހުށައަޅާ ފަރާތަކަށް ތިން މިލިއަން ޑޮލަރު ދޭނެ ކަމަށް ނާސާއިން ބުނެ އެވެ.

މި ހުށައެޅުމުގެ މަގްސަދަކީ މުސްތަގްބަލްގައި ޖައްވަށް ދަތުރުުކުރާ ސައިންސްވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅު ކޮށްދީ ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ ގޮތް މަގުފަހި ކޮށްދިނުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

1969 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެޕޯލޯ މިޝަންގެ ތެރެއިން 96 ކޮތަޅުގެ "ހިއުމަން ވޭސްޓް" މިހާރުވެސް ޖައްވުގައި އެބަހުއްޓެވެ.

އޭގެ ތެރޭގައި ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާތަކެތީގެ އިތުރުން ހޮޑާއި އެނޫން ވެސް ސައިންސްވެރިންގެ ހަށިގަނޑުން ބޭރުވި ތަކެތި ހިމެނެ އެވެ.

ނާސާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި މިތަކެތި ރީސައިކަލް ކޮށް ކާބޯތަކެތި ނުވަތަ ފާޓިލައިޒާސްގެ ގޮތުގައި ބޭނުން ކުރަން ފެށުމެވެ.

މި ހުށައެޅުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާއިރު ހުށައެޅުންތަކަށް އިންސާފު ކުރެވޭނީ އެކަމެއްގެ ފަހަތުގައިވާ ފިކުރާއި އެކަމަށް ހޭދަވާނެ ހަރަދުގެ އިތުރުން އެކަމުން ކުރާނެ އަސަރަށް ބެލުމަށްފަހު އެވެ.

މުސްތަގުބަލުގައި ޖައްވީ ދަތުރުތައް އިތުރުވާނެ ކަމަށް ނާސާއިން ލަފާކުރާއިރު މި މައްސަލައަކީ ވީހާވެސް އަވަހަކަށް ހައްލު ކުރަން ޖެހިފައި އޮތް މައްސަލަ އެކެވެ.