އޭނާއަކީ ގިނަ ވަގުތު މަސައްކަތުގައި އުޅޭހިތްވާ ހީވާގި އަންހެނެއް. ފެހުމާއި ދަނޑުވެރިކަމަކީ އޭނާ އެންމެ ގަޔާވާ ދެ މަސައްކަތް. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހެދުން ވަރަށް ފުޅާ ދާއިރާއެއްގައި ފަހާ ހަދަނީ މުޅިން ވެސް އެކަނިމާއެކަނި. އެކަމުން ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ. "ދަ ފިޓިން ރޫމް" ގެ ނަމުގައި ރަޖިސްޓްރީކޮށްގެން އަމިއްލަ ފަހާ ތަނެއް އޭނާ ދިރިއުޅޭ ގޭގެ ސިޓިން ރޫމްގައި ހިންގާ. ދަނޑުވެރިކަމުގެ ތެރެއަށް ނުކުމެވުނީ ގެއަށް ގަސްތަކެއް ގެނެވުނު ހިސާބުން. ފިރިމީހާއާ ދެމީހުން ޝާމިލުވެގެން ގޭގެ ޓެރެސްގަ އާއި ހުޅުމާލެއިން ކުއްޔަށް ނަގައިފައިވާ ބިންކޮޅެއްގައި ދަނޑުވެރިކަން ވެސް ކުރޭ. އެތަނުގައި ބަގީޗާގެ އިތުރުން މޭވާއާއި ތަރުކާރީ ވެސް ހައްދާ. އޭނާގެ އުންމީދަކީ އަވަސް މާޒީއެއްގައި މަސައްކަތްކުރާނެ ރަނގަޅު ހުސްޖާގައެއް ލިބުން.

ގޭތެރޭގައި އޮންނަ ހުސް ޖާގައިގައި މާމެލާމެލީގެ އިތުރުން މޭވާ އާއި ތަރުކާރީ އަދި ރުއް ގަސް އިންދައިގެން ހެއްދުމަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި ކުރާ ދަނޑުވެރިކަމުގެ ވައްތަރެކެވެ. ބިން ނެތް ނަމަވެސް ދަނޑުވެރި ވިސްނުން ހުންނަ ފަރާތްތައް ފުޅި ފުޅީގަ އާއި ގަސް މުށިތަކުގައި ވެސް ގަސް ހައްދައި އުޅެނީ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ. މިއީ ވެސް އެފަދަ މީހެކެވެ.

ހެންވޭރު ގްރީން ޒެސްޓް، ޝަމްލާ މުހައްމަދު (ޝަމްލާ) އަކީ ވަރަށް ހީވާގި، ދަނޑުވެރިކަމުގެ މަސައްކަތަށް ކުޅަދާނަ އަންހެނެއްކަން އަންނީ ދައްކަމުންނެވެ.

އޭނާ ބުނި ގޮތުގައި ޝަމްލާއަށް ވުރެ ވަކި މޮޅަށް އެހެން މީހަކަށް ގަހެއް ނީންދޭނެ އެވެ. އެކަމުގެ ފުރިހަމަ ގެރެންޓީ ވެސް އޭނާ ދެ އެވެ. ގަހުގެ މަސައްކަތް ކުރުމުގެ ކުރިން އޭނާގެ ހުރިހާ ވަގުތެއް ހޭދަކޮށްފައި ވަނީ ފެހުމުގެ މަސައްކަތުގަ އެވެ.

ޝަމްލާ: ދަނޑުވެރިކަން ކުރުމަކީ ލިބޭ އުފަލެއް

"އަޅުގަނޑުގެ އުމުރުން ނުވަ އަހަރުން ފެށިގެން ގޭގައި އިންނަ ފަހާފޮށިން ފަހަން. ގާތްތިމާގެ ކުދިންނަށާއި ކައިރީގައި އުޅޭ ކުދިންނަށް އޭރު ހެދުން ފަހައިދިނީ. ހުރިހާ ވައްތަރެއްގެ ހެދުން ވެސް ފަހަން. ކުޑަކުދިންގެ ހެދުމާއި އަބާޔާއާއި އަދި ފިލްމްތަކުގެ ލަވަތަކަށް ހެދުން ފަހަން އެދުމުން ފަހައިދީފައި ވެސް ހުންނާނެ،" ޝަމްލާ ބުންޏެވެ.

"ދަ ފިޓިންގް ރޫމް"ގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފަހާތަން އިންނަނީ އޭނާގެ ގޭގެ އެއްވަނަ ފަންގިފިލާގެ ސިޓިން ރޫމްގަ އެވެ. ގަސްއިންދުމުގެ މަސައްކަތް ފެއްޓުމަށްފަހު ގިނަ ވަގުތު މިހާރު އޭނާ ހޭދަކުރަނީ އެ މަސައްކަތުގަ އެވެ. އެ މަސައްކަތް ފެށުނީ އޭނާގެ ފިރިމީހާއާއެކު ބެންކޮކަށް ދިޔަ ދަތުރަކު ގެއަށް ގަސްތަކެއް ގެނައި ހިސާބުންނެވެ.

ޝަމްލާ ހެދުމެއްފަހަނީ: ރަޖިސްޓްރީ ކޮށްގެން ހިންގާ

ޝަމްލާ ގަސް ހައްދަނީ އަމިއްލައަށް އުފައްދާ ކާނާ އަޅައިގެން

އާންމުކޮށް ގަސް ވިއްކާ ޕޭޖްތަކުންނާއި ފިހާރަތަކުން ގަންނަ ގަސްތައް ފުރަތަމަ ދެތިން ދުވަހު ވަރަށް ހިތްގައިމުކޮށް ހުރެފައި މަރުވުމަކީ ވަރަށް ގިނަ މީހުން ކުރާ ޝަކުވާއެކެވެ. ޝަމްލާ ބުނި ގޮތުގައި އެގޮތަށް ބަންދު ތަނެއްގެ ތެރެއަށް ގަސްތައް ލައިގެން ގެންގުޅުމަކީ ގަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެން ދިމާވަނީ އެ ގަހަށް ބޭނުންވާ ބައެއް މުހިންމު މާއްދާތައް މަދަުވާތީ އެވެ.

ޝަމްލާގެ މަސައްކަތް ތަފާތެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ގަސްތައް ވިއްކަނީ ރާއްޖޭގެ ކަޅުވެއްޔަށް ދިރުވައި ރަނގަޅަށް ހެދުމުންނެވެ. މިކަމަކީ ޝަމްލާގެ އަތުން ގަސްގަންނަ ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެކެވެ.

ބަގީޗާ ގަހެއް އިންދަނީ: އޭނާ ގަސްބަލަހައްޓަނީ ދަރިން ބަލަހައްޓާ ފަދައިން ވަރަށް ލޯބިން

ޝަމްލާ ވަރަށް ގިނަ ބާވަތްތަކުގެ ގަސް ހައްދަ އެވެ. އަވީގައި ހެދޭ ގަހާއި ހިޔަލުގައި ހައްދަން ޖެހޭ ބަގީޗާ ގަސްތަކެވެ. އޭގެ އިތުރުން މޭވާ އާއި ތަރުކާރި ގަސްތައް ވެސް ހައްދަ އެވެ.

"އަޅުގަނޑު ހައްދަން ލުނބޯ ވެސް. އޮށް ހުންނަ ލުނބޯއެއީ. ގަސްތަކުގައި ލުނބޯއަޅާފައި ވެސް ހުންނާނެ. އެ ލުނބޯ ގަސްތައް ހުންނާނީ ތިން ފޫޓު އުސްމިނަށް ހެދިފައި،" ޝަމްލާ ބުންޏެވެ.

ލުނބޯގަހެއް ކައިރީހުރެ ބަގީޗާގަހެއް އިންދަނީ: ދިވެހި ލުނބޯގަސް ރައްރަށުން ގެންނަނީ މޫލައްވައިގެން

އެ ގަސްތަކަކީ ވެސް ރާއްޖޭގެ ތެރޭގެ ރަށްރަށުގައި ގަހުގައި ވެލި ބަނދެގެން، މޫ ލައްވައިގެން ގެނެސްފައިވާ ގަސްތަކެވެ. ލުނބޯގެ އިތުރުން، ޑްރޭގަން ފުރުޓް އާއި މިރުސް ވެސް ރަށްރަށުގައި ހައްދައިގެން މާލެއަށް ގެނެސްގެން އޭނާ ވިއްކަ އެވެ.

އޭނާގެ ގަސްތަކަށް އަޅާ ކާނާއަކީ ވެސް އަމިއްލައަށް ހައްދާފައިވާ ތަކެއްޗެވެ. ގަސްކާނާ ހެދުމަށް ބޭނުންކުރަނީ ގަހުގެ ފަތާއި، ބާކީވެގެން އުކާލާ ކާތަކެއްޗާއި އަދި މަސްކުނޑި އެވެ. އަމިއްލައަށް އުފައްދާ ކާނާ ގަހަށް އެޅުމުން ތަފާތު ފެންނަކަން އޭނާއަށް ފާހަގަކުރެވިފައިވެ އެވެ.

ޝަމްލާ ހައްދާފައިވާ އޯކިޑް ގަސްތަކެއް: ބަގީޗާގެ އިތުރުން މޭވާ އަދި ތަރުކާރީވެސް އޭނާ ހައްދާ

ފަސޭހަ މަސައްކަތެއް ނޫން: ދަރިއަކު ބަލަހައްޓާ ފަދައިން ގަސް ބަލަހައްޓާ

އޭނާ ބުނިގޮތުގައި ގަސް ހައްދާ ބެލެހެއްޓުމަކީ ހިތްވަރެއް ހުރިއްޔާ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ގަހަކީ ވެސް ދިރުން ދެއްވާފައިވާ އެއްޗަކަށް ވާތީ ދަރިއަކު ބަލައްޓާ ފަދައިން ބަލަހައްޓަން ވާނެކަމާއި، އެގޮތަށް ބެލެހެއްޓުމުން ގަހަށް އާރޯކަމެއް ލިބިގެންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝަމްލާ ހައްދާފައިވާ ބަގީޗާ ގަސްތަކެއް: ގަސްހެއްދުމަކީ ބުރަމަސައްކަތެއް

"މިއީ އެއްގޮތަކަށް ވެސް ލުއި މަސައްކަތެއް ނޫން. ގަސްތައް ކޮންމެ ފަހަރަކު ގެނެސް ކަޅުވެލީގައި އިންދާ، ފެންދީގެން ކާނާ އަޅައިގެން ބެލެހެއްޓުމަކީ ބުރަ ކަމެއް. ގަސްކާނާއަކީ ވެސް އަޅުގަނޑުމެން ހަދާ ވަކިގޮތަކަށް ރައްކާކޮށްފައި ބަހައްޓައިގެން ތައްޔާރު ކުރާ އެއްޗެއް،" ޝަމްލާ އޮޅުންފިލުވައިދިނެވެ.

ދަނޑުވެރިކަން ކުރުމަށް ގިނަ ހުރަސްތަކެއް: ލުޔެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި

ގަސް ހެއްދުމަށް އަމިއްލަ ބިންކޮޅެއް ނެތުމަކީ އޭނާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ދެކޭ ގޮތުގައި އެމީހަކު ކުރިއަށްދާން ބޭނުންވާ ރޮގަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައި އޮތުމަކީ އޭނަ ފަދަ ދަނޑުވެރިއަކަށް ވަރަށް މުހިންމު ކަމެކެވެ. ގަސްމުށިތަކުގައި ގަސް އިންދައިގެން ޓެރެސް މަތީގައި ވަރަށް ގިނަ ދުވަހު ގަސް ގެންގުޅުމަށްފަހު ދާދިފަހުން އޭނާ ވަނީ ވަރަށް އުނދަގުލުން ހުޅުމާލެއިން ކުއްޔަށް ބިންކޮޅެއް ހޯދައިފަ އެވެ.

ބޯގަންވިލާގަހެއް އިންދަނީ: ޝަމްލާ ގަސްހައްދަނީ އަމިއްލައަށް އުފައްދާ ގަސްނާކާ ބޭނުންކޮށްގެން

ނަމަވެސް އެބިންކޮޅުގައި ވެސް އޭނާއަށް ގަސް ހައްދަން މަޖްބޫރު ވެފައިވަނީ ޕޮޓުގަ އެވެ. އެއީ ކޮންމެ ވަގުތަކު ވެސް އެތަނުން ނުކުންނަން ޖެހިދާނެ ކަމުގެ ބިރު އޮންނާތީ ކަމަށް އޭނާ ބުންޏެވެ.

"ތަންތަން ކުއްޔަށް ނަގައިގެން އުޅޭއިރު އެހެންތާ ވާނީ. ބިމުގައި ނީންދޭ. ސަބަބަކީ އެތަނުން ނުކުންނާށޭ ބުންޏަސް ނުކުމެވޭނީ ގަސްތައް ހިފައިގެން ކަމުގައި ވީތީ،" ޝަމްލާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފެހުމަކީ ވެސް އަދި ދަނޑުވެރިކަމަކީ ވެސް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ދެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތް ކުރާނެ ޖާގަ ނެތުމަކީ އެކަމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އަދި އެ ދާއިރާއަށް މީހުން ނުނިކުތުމުގެ އެއް ސަބަބެވެ.

ޝަމްލާގެ އެންމެ ބޮޑު އެދުމަކީ ރަށްރަށުގައި ހުންނަ ހުސް ބިންތައް ކުއްޔަށް ނަމަވެސް ދަނޑުވެރިކަން ކުރާ މީހުންނަށް ފަސޭހައިން ލިބޭނޭ ގޮތެއް ސަރުކާރުން ހައްދަވައި ދެއްވުމެވެ. އެ ދެމަފިރިންގެ އުންމީދަކީ އެފަދަ ދުވަހެއް އަވަސް މާޒީއެއްގައި ފެނުމެވެ.