މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މަދުކުރުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ހުށަހަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އައިޔޫއެމްއާ ހަވާލުކޮށްގެން ހެދި މި ދިރާސާއިން ދައްކާގޮތުގައި މިހާރު މާލެ ސަރަހައްދުގައި ދުއްވަނީ 119،472 ވެހިކަލެވެ. ނަމަވެސް މި އަދަދު 89،413 އަށް މަދުކުރުމަށް ދިރާސާއިން ލަފާދީފައިވެ އެވެ.

އެ ދިރާސާއިން ދައްކާގޮތުގައި މިހާރު މާލޭގައި ދުއްވަނީ 103،300 ސައިކަލާއި 7،505 ކާރެވެ.

މި އަދަދުތައް ކޮންމެވެސް ވަރަކަށް މަދުކުރުމަށް ދިރާސާއިން ހުށަހަޅާފައިވެ އެވެ. އެގޮތުން ސައިކަލުގެ އަދަދު 76،518 އަށް އަދި ކާރުގެ އަދަދު 5،610 އަށް މަދުކުރުމަށް ހުށަހަޅާފައިވެ އެވެ.

މި ދިރާސާގައި ހުށަހަޅާފައިވާ ކަންކަމާމެދު ގޮތެއް ނިންމާނީ މާލެ ސިޓީ ކައުންސިލުންނެވެ. އަދި އެއަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އަމަލުކުރަން ފަށާނެ އެވެ.