މާލެއަށް ބޯކޮށް ވާރޭވެހެން ފެށުމާއެކު، ގަޑިއިރެއް ނުވަނީސް މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނު ދިހައެއް ޖަހާކަން ހާއިރު މާލެއަށް ވާރޭ ވެހެން ފަށައި، އާންމުކޮށް ފެންބޮޑުވާ މާފަންނުގެ އެކި ސަރަހައްދުތަކުގައި މިއަދު ވެސް ވަނީ ފެންބޮޑުވެފަ އެވެ. މި ސަރަހައްދުތަކުން ފެން ހިންދުމަށާއި ވެލި ބަސްތާ ޖެހުމަށް ސިފައިން ނުކުމެފައިވާ ކަމަށް ބުނެ އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވަނީ 10:54 ގަ އެވެ.

އެގޮތުން އައިޖީއެމްއެޗް، ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނިގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުގެ ސަބަބުން މޫސުން ގޯސްވެފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.