މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ އާއިލާއަކަށް 2،220ރ. ގެ މަގުން މާލީ އެހީއެއް ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި އެމްސީއެސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮންމެ އާއިލާއަކަށް 2,220ރ ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ. މީގެ މަގުސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި، ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެން ހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްސީއެސްއިން ބުނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްއިން އަމާޒުކޮށްފައިވީ ނަމަވެސް، އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައި ވަނީ ޖުމްލަ 21 ފަރާތުން ކަމަށް އެމްސީއެސްއިން ބުނެ އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތުތައް ހަމަވެފައި ވަނީ 10 އާއިލާއަކަށް ކަމަށް ވެސް އެމްސީއެސްއިން ބުނެ އެވެ.
ޕްރޮގްރާމަށް އެދި ހުށަހެޅުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭމިންވަރު ހިމެނެ އެވެެ.