ނިމެންކައިރިވެފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން މަސައްކަތް ހުއްޓާލާފައިވާ ފ. މަގޫދޫ އެއާޕޯޓް ހަދަން ގެންދިޔަ ސާމާނު އެއަތޮޅު ނިލަންދޫ އެއާޕޯޓް ހަދަން ގެންދާތީ އެ ރަށު ރައްޔިތުން މުޒާހަރާކޮށްފި އެވެ.

މަގޫދޫ އެއާޕޯޓްގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އެ މަސައްކަތް ހުއްޓުނެވެ. ނަމަވެސް އެކަމާ ދެކޮޅަށް އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އަލުން މަސައްކަތް ފެށުމަށްފަހު އަނެއްކާވެސް އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.

މަގޫދޫން "ހުރިހާ"އާ ވާހަކަދެއްކި މީހަކު ބުނީ އެއާޕޯޓްގައި މަސައްކަތް ކުރާ ސައިޓްގައި ހުރި ތަކެތި ގެންދަނީ ޖެހިގެން އޮތް ނިލަންދޫ އެއާޕޯޓް އެޅުމަށް ކަމަށެވެ.

"މިދިޔަ ސަރުކާރުން ފެށި މަސައްކަތަކަށް ވީމަތޯ މި ރަށުގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަނީ. މިދިޔަ ސަރުކާރު ނިމުނުއިރުވެސް ހުއްޓުމެއް ނެތި ބާރު ސްޕީޑްގައި ދިޔަ އެއާޕޯޓެއްގެ މަސައްކަތް ހުއްޓާލާފައި މި ރަށާ ވަރަށް ކައިރީގައި އޮތް ރަށެއްގައި އެއާޕޯޓެއް އެޅުމަކީ އެއީ އިގްތިސާދީގޮތުން ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން،" އޭނާ ބުންޏެވެ.

މަގޫދޫން ވާހަކަދެއްކި މީހުން ބުނީ އެ ރަށް ކައިރީ ތިބި ހުރިހާ ރަށެއްގައި މި ސަރުކާރުން އެއާޕޯޓް އެޅިޔަސް އެ ރަށު ރައްޔިތުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެ ރަށުގައި ނިމެން ކައިރިވެފައިވާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައި އެ މަސައްކަތް ކުރާ ތަކެތި އެހެން އެއާޕޯޓެއް އަޅަން ގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ނިލަންދޫގަ އެއާޕޯޓެއް އެޅިޔަސް އަޅުގަނޑުމެންނަށް މައްސަލައެއް ނެތް. އަދި މި ރަށާ ކައިރީ ހުރި ހުރިހާ ރަށެއްގައި އެއާޕޯޓް އެޅިޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް. މައްސަލައަކީ މި ރަށުގައި އަޅައި ނިމިނިމި ހުރި އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައި އެހެން އެއާޕޯޓެއް މުއިއްޒު ސްޕީޑްގައޭ ކިޔާފައި ނިންމަން އުޅޭތީ،" އެ މީހާ ބުންޏެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެއާޕޯޓް ހެދުމުގެ މަަސައްކަތް ހުއްޓާލާފައި ސައިޓުގައި ހުރި ބައެއް ތަކެތި ދޭތެރެއަކުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނެ ކަމާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދުނީ އެކަން ނުކުރުމަށް އެމްޓީސީސީގެ ސުޕަވައިޒަރުން ކައިރީ ކައުންސިލުން އެދިފައިވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އިސްކަންދޭ މަޝްރޫތަކުގެ ލިސްޓް ހިމެނޭ ގަރާރެއް ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު އިރު، އޭގައި މަގޫދޫ އެއާޕޯޓްގެ ވާހަކައެއް ނެތެވެ.

ނިލަންދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ ރިސޯޓެއް

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ނިލަންދޫގައި އެއާޕޯޓް އެޅުމުގެ ބަދަލުގައި އެ ރަށު ފަޅުގައި ރިސޯޓެއް ހެދުމަށެވެ. އަދި އެ ރިސޯޓަށް ފަތުރުވެރިން ގެނައުމުގެ މައި ތަނބެއްގެ ގޮތުގައި މަގޫދޫ އެއާޕޯޓް ބޭނުންކުރަން އެމްޑީޕީ ސަރުކާރުން ނިންމި އެވެ.

ނިލަންދޫން "ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިދިންގޮތުގައި އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ އެރަށު ރައްޔިތުންނަށް ހަގީގީ މަންފާ ކުރާނެ ސިޔާސަތު ކަމަށެވެ. އެއާޕޯޓެއް އެޅުމަށްވުރެ، ރިސޯޓް ހެދުމުން އެ ރަށު ރައްޔިތުން މާބޮޑަށް މުއްސަނދި ވާނެ ކަމަށް އެ މީހުން ކިޔައިދިނެވެ.

"ހުޅުމާލެއިން މާލެއަށް ދެވޭހާ ކައިރީގައި މަގޫދޫ އެ އޮތީ. ދެން އެހެންވީމަ މަގޫދޫގައި އެއާޕޯޓެއް އަޅާފައި އަނެއްކާ ނިލަންދޫގައި އެއާޕޯޓެއް އަޅައިގެން ސަރުކާރުން މުސްތަގުބަލުގައި ދެކޮޅު ޖައްސަނީ ކިހިނެތްތޯ،" ނިލަންދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

ނިލަންދޫ މީހުން ބުނީ އެއާޕޯޓުން އުފެއްދޭނީ މަދު ވަޒީފާ ތަކެއް ކަމަށެވެ. ނަމަވެސް އެއާޕޯޓް ވަޒީފާއިން ލިބޭ މުސާރައަށް ވުރެ އެތައް ގުނައެއްގެ ބޮޑު މުސާރަ ރިސޯޓުން ލިބޭނެ ކަމަށް އެ މީހުން ބުންޏެވެ.

"ބައްލަވާ ރިސޯޓެއް ހެދީމަ މި ރަށު އެތައް ބަޔަކަށް ވަޒީފާ ހަމަޖެހޭނެ. އެއާޕޯޓުން ކިހިނެތްތޯ އެވަރަށް ވަޒީފާ އުފައްދާނީ. އަނެއްކާ އެއާޕޯޓުން ހަމަޖެހޭ ވަޒީފާތަކުގެ މުސާރަ އެހާ ބޮޑެއް ނުވާނެ. ރިސޯޓް ހެދީފަ ވާ ފައިދާ އަކީ ގިނަ މީހުންނަށް ބޮޑު މުސާރައާ އެކު ވަޒީފާ ލިބޭނެ. އަދި އަޅުގަނޑުމެންގެ ޖީބަށް ޑޮލަރު ވަންނާނެ ކޮންމެ މަހަކު. މިއީ ނޫންތޯ ހަގީގީ ތަރައްގީއަކީ،" ނިލަންދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.