ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވެފައިވަނީ އަމިއްލައަށް ދީފައިވާ ޒަހަމްތަކަކުން ކަމަށް އޭނާގެ ވާޗުއަލް އޮޓޮޕްސީން ހާމަވެއްޖެ އެވެ.

މިދިޔަ މަހު ފުލުހުންގެ ޓީމެއް ވަނީ އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށް ގޮސް، އެތަނުގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވާ ވާޗުއަލް އޮޓޮޕްސީއެއް ހަދާފަ އެވެ.

މި އޮޓޮޕްސީގައި ސީޓީ ސްކޭން، އެމްއާރުއައި އަދި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް މަރުގެ ސަބަބު ދެނެގަތުމަށް ބޭނުންކުރެވިފައިވެ އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ކައިރީގައި ހުރި ގުދަނަކުންނެވެ. ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެއްގެ ގޮތުގައި ޒަކިއްޔާ ފާހަގަކުރެވިފައިވެ އެވެ.

އޮޓޮޕްސީ ރިޕޯޓުގައި ވަނީ ޒަކިއްޔާގެ ކަރުގެ ދެފަރާތުގައި ޒަހަމްތަކެއް ހުރި ކަމަށާއި، އެކަމުގެ ސަބަބުން ނާރުތައް ބުރިވެފައިވާ ކަމަށެވެ. ނަމަވެސް އެ ޒަހަމްތައް ކަށިގަނޑާ ހަމައަށް ފޯރާފައި ނުވާ ކަމަށް ބަޔާންކޮށްފަ އެވެ. އެ ޒަހަމްތައް ލިބިފައިވާ ކަމަށް ބެލެވޭ ގޮތުގެ ތަފްސީލު ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

މި މައްސަލައިގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ ލަފާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ފަރާތްތަކުން ވެސް ވިދާޅުވެފައިވަނީ މިފަދަ ގޮތަކަށް މީހަކު އަމިއްލައަށް ޒަހަމްވެގެން މަރުވުމަކީ ނާދިރު ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، ކަންބޮޑުވުން ފާޅުކުރާ އެ ރަށުގެ ގިނަ ބަޔަކު ދެކެނީ މިއީ މަރާލުމެއް ކަމަށެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މީހަކު އަމިއްލައަށް މިފަދަ އަނިޔާއެއް ނުދޭނެ އެވެ. މި މައްސަލައިގައި އިންސާފު ހޯދުމަށް އެދި ހޮޅުދޫގައި މުޒާހަރާތައް ވެސް ބާއްވާފައިވެ އެވެ.