ސ. ފޭދޫއާ އެއް ފަޅެއްގައި އޮންނަ އޮންނަ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވާ ގޮތުގައި، މި ރަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެ އެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ދިވެހި ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައިވަނީ 15,000 ރުފިޔާއަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 1,000 ޑޮލަރަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި، ސަވާހިލި ފަތުރުވެރިކަމަށް ހުޅުވާލުމުގެ މަގްސަދަކީ އައްޑޫގައި މިހާރު ހިންގަމުންދާ ފަތުރުވެރިކަމުގެ ވަސީލަތްތަކަށް ހާއްސަ މެނޭޖްމަންޓް ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމެވެ.

މި ގޮތުން މަދުވެގެން 10 ކޮޓަރި އެ ރަށުގައި ހުންނަންޖެހޭނެ އެވެ. އަދި ރެސްޓޯރަންޓް، ބާއެއް، އިންޑޯ/ އައުޓްޑޯ ކުޅިވަރު ވަސީލަތްތަކެއް، ކަނޑުގެ ކުޅިވަރު މަރުކަޒެއް، ސްޕާ/ވެލްނެސް ސެންޓަރެއް، ފެންވަޅެއް އަދި އެހެނިހެން ފަތުރުވެރިކަމުގެ ވަސީލަތްތައް ސަވާހިލީގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކައުންސިލުން ބުނިގޮތުގައި މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.

ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ޕްރީ-ބިޑް ބައްދަލުވުމެއް 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މަޖާޒީ ގޮތުން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބައްދަލުވުމުގެ ލިންކް ބީލަމުގެ ލިޔެކިޔުންތައް ގަތް ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.