ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 70،600 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ މާޗް މަހުގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 70،500 ޓޫރިސްޓުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ވަނީ 77،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ހަތް ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައި ވަނީ 47،390 ޓޫރިސްޓުންނެވެ. މިއީ 8 ޕަސެންޓްގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 667،730 ޓޫރިސްޓުން ޒިޔާރާތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 630،867 ޓޫރިސްޓުންނެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު:
- ޗައިނާ – 76،674 ޓޫރިސްޓުން
- އިނގިރޭސިވިލާތް – 70،531 ޓޫރިސްޓުން
- ރަޝިއާ – 70،538 ޓޫރިސްޓުން
- އިޓަލީ – 59،978 ޓޫރިސްޓުން
- ޖަރުމަން – 47،470 ޓޫރިސްޓުން
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 69.5 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައި ވަނީ 25 ޕަސެންޓް ޓޫރިސްޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.