އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރުއެއް ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިޒަމް ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހިމަނައި، އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން މްޕޭނެއް ފެށުމުގެ ރަސްމިއްޔާތަށް ރައީސް މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިދިޔަ ހަފުތާގައި ވަޑައިގެންނެވި ވާހަކައަކީ ފާއިތުވި ހަފުތާގެ އެންމެ ބޮޑު އެއް ޚަބަރެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ވާހަކައާ ވިދިގެން ދެން ފެނުނީ އެ ދަތުރުފުޅުގެ ކަންތައް ދިޔަ ގޮތާމެދު ފާޑުކިޔާ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލި ތަނެވެ. ގިނަ ބަޔަކު ދުށް ގޮތުގައި ރައީސްގެ ދަތުރުފުޅަކީ އެއްވެސް ރަސްމީ ހައިސިއްޔަތެއް އޮތް ދަތުރުފުޅެއް ނޫނެވެ. އެ މީހުންގެ ޝަކުވާއަކީ އެފަދަ މުހިންމު ނޫން ދަތުރުފުޅަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއްވުމެވެ.

ރައީސްގެ ދަތުރު ފުޅުގައި ކުރެއްވީ ކޮންކަމެއް؟

ރައީސް މުއިއްޒު ލިވަޕޫލަށް ކުރެއްވި ދަތުރުފުޅުގައި ލިވަޕޫލްގެ ފުޓުބޯޅަ ދަނޑުގައި އޮތް މެޗެއް ބައްލަވާލައްވަން ވަޑައިގެންނެވި އެވެ. އެ މެޗަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށްޓަކައި ލިވަޕޫލާއި ދިވެހި ސަރުކަރާއެކު ކުރެވުނު އެއްބަސްވުމަށް އަމަލުކުރުމަށް ފެށި ދުވަހެވެ. އެ ދުވަހު ލިވަޕޫލުގެ ދަނޑުގައި ހުރި ދިއްލޭ ބޯޑުތަކުގައި ދިވެހި ރާއްޖޭގެ އިޝްތިހާރުތައް ދިއްލުނެވެ. އެ އިވެންޓް ފެށުމަށްޓަކައި ވަކި ޚާއްސަ ރަސްމިއްޔާތެއް ނުބާއްވަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ލިވަޕޫލްގެ ދަނޑަށް ވަޑައިގެން އެތަން ބައްލަވަނީ. ފޮޓޯ: ރައީސް އޮފީސް

ފުޓްބޯޅަ މެޗް ބައްލަވާލެއްވުމުގެ އިތުރުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ވަނީ ލިވަޕޫލްގެ ޓްރެއިން ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. އެ ޒިޔާރަތުގައި ދިމާވި ބައެއް އޮފިޝަލުންނާއެކު ދެކެވުނު ވާހަކަތަކުގައި ރާއްޖޭގައި ލިވަޕޫލްގެ އެކެޑަމީއެއް ހުޅުވުމުގެ ޚިޔާލުފާޅު ކުރެއްވި އެވެ.

ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން ލިވަޕޫލްގެ ރަސްމީ ސައިޓުގައި އެއްވެސް ވާހަކައެއް ނެތެވެ. އެމަނިކުފާނުގެ ފޮޓޯ ފުޅެއް ވެސް ނެތެވެ. މީޑިއާ ކުރިމަތީގައި ވެސް އެއްވެސް ހަރަކާތެއް ނުބާއްވަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ލިވަޕޫލްގެ ދަނޑަށް ވަޑައިގެން އެތަނު މަޑުކޮށްލައްވައިގެން. ފޮޓޯ: ރައީސް އޮފީސް

ފުޓްބޯޅައާ ބެހޭ ދެ ހަރަކާތަށް ފަހު ރައީސް މުއިއްޒު ވަނީ އިނގިރޭސި ވިލާތުގައި ކިޔަވަމުން ގެންދާ ދިވެހި ބައެއް ދަރިވަރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދަރިވަރުންނާ ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ފާޑުކިޔާ ބައެއް މީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ އެމަނިކުފާނުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް އޭނާއާ ބައްދަލުކުރުމެވެ. މިދަތުރުފުޅުގައި ލިވަޕޫލްގައި ކިޔާ ދަރިވަރުންނާ ބައްދަލުކުރެއްވި އިރު ވެސް ޔާސްމީން ހުންނެވި އެވެ. އަދި އޭގެ ފަހުން އެ ގައުމުގައި ކިޔަވާ އެހެން ދަރިވަރުންނާއެކު ލަންޑަންގައި ބޭއްވި ބައްދަލުވުމުގައި ވެސް ޔާސްމީން ބައިވެރިވި އެވެ.

ރައީސްގެ ދަތުރުފުޅާ އެއްފަދަ އެހެން ދަތުރުފުޅެއް

ޓުއަރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މޮރިޝަސް އިޝްތިހާރު ކުރުމަށްޓަކައި ލިވަޕޫލާ ގުޅިގެން ހިންގި ކެމްޕޭން ފެއްޓުމަށްޓަކައި މޮރިޝަސްގެ ބޮޑުވަޒީރު 2020 ވަނަ އަހަރު ލިވަޕޫލް ސްޓޭޑިއަމަށް ވަޑައިގެންނެވި އެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނަށް ކްލަބުން ހޫނު މަރުހަބާ އެއް ދެންނެވި އެވެ. ކްލަބްގެ އެންމެ އިސް ބޭފުޅުންނާއި ކުޅުން ތެރިން ހިމެނޭ ގޮތުން މީޑިއާ ކުރިމަތީގައި ވަރަށް ޚާއްސަ ރަސްމިއްޔާތެއް އޮތެވެ. އޭގެ އިތުރުން މޮރިޝަސްގެ ބޮޑުވަޒީރުގެ ޝަރަފުގައި ބޭއްވި ރިސެޕްޝަނެއް ވެސް އޮތެވެ.

ރައީސްގެ ދަތުރުފުޅުން ހާސިލުވާނީ ކޮން ކަމެއް؟

ރައީސްގެ ދަތުރުފުޅުގައި ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމާ ބެހޭ އެއްވެސް ރަސްމިއްޔާތެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައިނުވުމުގެ ސަބަބުން އެ ދަތުރުފުޅުގެ ސަބަބުން ލިބޭނެ އެއްވެސް ފައިދާއެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. ލިވަޕޫލާއެކު ރާއްޖެއިން ސޮއިކޮށްފައި އޮތް އެއްބަސްވުމުގެ ދަށުން ހިނގަން ހަމަޖެހިފައިއޮތް ކަންތައް ރައީސް ވަޑައިގެންނެވިޔަސް ނުގެންނެވިއަސް ރޭވިފައި އޮތްގޮތަށް ކުރިޔަށް ދާނެ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ލިވަޕޫލްގެ ދަނޑަށް ވަޑައިގެން އެތަނު މަޑުކޮށްލައްވައިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރި ކަމުގައި ވިޔަސް ތިން މިނިސްޓަރުންނާއި އިތުރު އޮފިޝަލުންތަކަކާ އެކު ލިވަޕޫލަށް ކުރެއްވި ދަތުރުފުޅަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާނެ އެވެ. ކަންތައް ވެދިޔަ ގޮތަށް ބަލާއިރު އެއީ ބޭކާރު ޚަރަދެކެވެ.

ތަޖުރިބާކާރުންގެ ބަސް

ފޮރިން ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކު ނަން ހާމަނުކުރުމަށް އެދި "ހުރިހާ" ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސެއްގެ ދަތުރުފުޅު، ބޭރުގެ ގައުމަކަށް އެފަދަ ނިކަމެތި ގޮތަކަށް އިންތިޒާމު ކުރެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އިނގިރޭސި ވިލާތް ފަދަ ގައުމަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ވަރަށް ޚަރަދު ބޮޑު ދަތުރުފުޅެކެވެ. އެހެންކަމުން އާންމު އުސޫލުން ނަމަ އެފަދަ ދަތުރުފުޅުގެ ކުރިން މާނަހުރި ކަންތައްތަކެއް ރޭވިފައި އޮންނަން ޖެހޭނެ އެވެ.

އެ ޒިޔާރަތްކުރާ ގައުމެއްގެ ސަރުކާރާއެކު ކުރެވޭ މަޝްވަރާތަކަކާއި ސޮއިކުރަން ޖެހޭ އެއްބަސްވުންތަކެއް ފަދަ ކަންތައްތަކެއް އޮންނަން ޖެހޭނީ ދުރާލާ ހަމަޖެހިފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެފަދަ ރޭވުންތެރިކަމެއް ނެތި ހަމައެކަނި ފުޓުބޯޅަ މެޗެއް ބައަލަވާލެއްވުމަށް ރައީސް އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަކީ ބޮޑު ގެއްލުމެކެވެ. އެއީ ރާއްޖެއަށް ލިބުނު ދެރައަކާއި ނިކަމެތި ކަމެކެވެ.