އެމްޑީޕީ ތެރޭގައި ކޮރަޕްޝަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ދެއްކެވި ވާހަކައެއްގަ އެވެ.

ރައީސް ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފަ އެވެ.

ފައްޔާޒާ ދެބޭފުޅުންގެ ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްކަމަށެވެ. އަދި ފައްޔާޒާއި ދެކޮޅަށް ތެދުވުމަށް ލެދުގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަހުގެ ހަމަލާތަކުގައި ފައްޔާޒު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އަމަލުކުރައްވާ ގޮތާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ ހަޖަމްކުރައްވަން އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގައި އަމަލުުކުރައްވާގޮތަށް އަމަލުނުކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ އެ ގްރޫޕްގައި މިނިސްޓަރު ފައްޔާޒާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ވަނީ ހުއްޓާލާފަ އެވެ.