އަހަރުގެ މިހާތަނަށް ރާއްޖެއަށް 500،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 4.6 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،000 އަށްވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 506،053 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 478،416 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 4.6 ޕަސެންޓްގެ އިތުރުވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 5 ގައުމު:
- ޗައިނާ: 63،805 ޓޫރިސްޓުން
- އިނގިރޭސިވިލާތް: 51،466 ޓޫރިސްޓުން
- ރަޝިއާ: 51،439 ޓޫރިސްޓުން
- އިޓަލީ: 47،792 ޓޫރިސްޓުން
- ޖަރުމަން: 34،116 ޓޫރިސްޓުން
ރާއްޖެއައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގަ އެވެ. އެއީ 69.1 ޕަސެންޓް މީހުންނެވެ. ގެސްޓްހައުސްތަކުގައި 25.6 ޕަސެންޓް މީހުން، ހޮޓެލްތަކުގައި 2.8 ޕަސެންޓް އަދި ސަފާރީތަކުގައި 2.5 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.