ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަގާމު ހުސްވީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަން ފެށުމުން ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 11:00 އަށް ހަމަވީއިރު އެ މަގާމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.
ނިހާޔަތު މީގެ ކުރިން ވަނީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރުއަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ހުންނެވީ ސަސްޕެންޝަންގަ އެވެ.