ކޮންމެ ދުވަހެއްގެ ވެސް އާދައަކީ ހަމަ އެއް އާދަ އެކެވެ. ދުނިޔޭގައި މިވަގުތު ފެންނަން އޮތް އެންމެ ކުޑަ ޚަތިމު ނަގައި އެއަށް ބޮސް ދިނުމުގެ ކުރިން މާރިއޯ ޕްރުޝީ އަބަދުވެސް އޭނާގެ އަތް ދޮވެ އެވެ.

ޕޯސްޓް ސްޓޭމްޕް ސައިޒުގެ އެ ޚަތިމަކީ އަލްބޭނިއާއަށް ނިސްބަތްވާ މާރިއޯގެ އާއިލާގެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ވަމުން އައިސްފައިވާ ޚަތިމެކެވެ.

އެ ޚަތިމު ވަނީ ދާޚިލީ ހަމަނުޖެހުންތަކާއި ހަނގުރާމަ ތަކުގެ ތެރެއިން ވެސް ރައްކާތެރި ކަމާއެކު މިހާހިސާބަށް ސަލާމަތުން އައިސްފަ އެވެ.

މާހިރުން ބުނާ ގޮތުގައި އެ ޚަތިމަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ކުޑަ އެއް ޚަތިމެވެ. ރިހި ކަވަރަކަށް ލާފައި އޮންނަ އެ ޚަތިމުގެ ކަވަރަށް ޒަމާނާއެކު ގެއްލުންތަކެއް ލިބިފައި ވީނަމަވެސް ޚަތިމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މާރިއޯގެ އާއިލާއިން ބަލަހައްޓަމުން އަންނަ ޚަތިމު

"އަހަރުމެން މި ޚަތިމު ގެންގުޅެނީ ވަރަށް ފަރުވާތެރި ކަމާއެކު އެކަމަށް ވަރަށް ސަމާލުކަން ދީގެން" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި މާރިއޯ ބުންޏެވެ.

ފުޅާމިނުގައި ދެ ސެންޓިމީޓަރު އަދި ބޯމިނުގައި އެންމެ ސެންޓިމީޓަރެއް ހުންނަ އެ ޚަތިމު އަތުގެ މުށު ތެރޭގައި ރީއްޗަށް ފޮރުވޭއިރު އެއިން ކިޔެވެނީ ބޮޑުކުރާ ބިއްލޫރިގަނޑެއް ބޭނުން ކޮށްގެންނެވެ.

އެ ޚަތިމަށް ވީ ދުވަހެއް ބުނަން މާހިރުންނަށް ނޭނގުނު ނަމަވެސް މާރިއޯގެ އާއިލާގެ އެއްޖީލުން އަނެއް ޖީލަށް އެ ހަތިމު ވާރުތަ ވަމުން އަންނަތާ ގަރުނެއް ވެފައިވާ ކަމަށް ލަފާކުރެވެ އެވެ.

ބުނެވޭ ގޮތުގައި އެ ޚަތިމަކީ މާރިއޯގެ ކާބަފައިން އިސްލާމް ދީން ގަބޫލު ކުރުމުގެ ފަހަތުގައި ވެސް ވަނީ ހަމަ އެ ޚަތިމެވެ. ގެދޮރު އިމާރާތް ކުރުމުގެ ތެރެއިން ގޭތެރެ ކޮނުމުގައި މާރިއޯގެ އާއިލާއަށް އެ ހަތިމު ފެނުނު ކަމަށް ބުނެވޭއިރު އެމީހުން އިސްލާމްވީ ގުރުއާނުގެ މުއުޖިޒާތްތައް ފެނި ކަމަށް މާރިއޯ ބުނެ އެވެ.

އަހަރުތަކުގެ ތެރޭގައި އެ ހަތިމު ގަންނަން މާރިއޯގެ އާއިލާއަށް އެތައް ހުށައެޅުމެއް ލިބުނު ނަމަވެސް އެއީ އެ އާއިލާގެ ޚަޒާނާއެއް ކަމަށްވާތީ އެ ހުށައެޅުންތަކަށް ނޫނެކޭ ވަނީ ބުނެފަ އެވެ.

އާއިލާގެ ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން މާރިއޯ ވެސް އޭނާގެ ދަރިންނަށް އެ ހަތިމު ވާރުތަ ކުރާނެ އެވެ. އެއީ އެ އާއިލާގެ ޝަރަފެކެވެ.