ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް މަގާމަށް އަވަސް އަރުވާލައިގެން ބޭފުޅަކު އައްޔަންކުރަން މަސައްކަތް ފަށައި, އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ އާއި އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާންގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ކަމަށެވެ. މިއީ އާންމު އުސޫލުން ކުރިމަތިލާން ދޭ މުއްދަތަށް ވުރެ މާ ކުރު މުއްދަތެކެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވެސް މިހާރު ސަސްޕެންޝަންގައި ތިއްބެވިއިރު އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ސަރުކާރުން އިސްވެ އޮވެގެން ގެންދަނީ ބަލަމުންނެވެ.