މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ހުސެއިން ހަސަން އިސްތިއުފާ ދިނުމުން ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އެމްއެމްސީގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އާއި މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަގާމު 28 އެޕްރީލްގައި ހުސްވާތީ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ. މި ބައިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.
މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް ހުށަހަޅަން ޖެހޭނީ އެ އެވުޒާރާގެ މެއިލް، [email protected] އަށެވެ.
މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި، ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.