މާލޭގެ ގެއެއް ނީލަމުގައި ވިއްކާލަން މީގެ ކުރިން ކަނޑައެޅި އަގު ކުޑަކޮށް އެގެ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފައި ވަނީ ސަންފްރަންޓް ލައިޓްޝޮޕް ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އެވެ.
ބޭންކުގެ އިއުލާނުގައިވާ ގޮތުން، ނާއިންފަރުއާގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 8 މިލިއަން ރުފިޔާ އެވެ. މިއީ 792 އަކަފޫޓުގެ ގެއެކެވެ. އެގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި ގެ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.
އެ ބޭންކުން ބުނިގޮތުގައި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތް ކަނޑައަޅާނީ ހުށަހަޅާ އަގު އެންމެ މަތީ އަގުގެ ގޮތުގައި ބަދަލެއް ނައިސް ފަސް ދުވަހުގެ މުއްދަތަކަށް އޮތުމުން ކަމަށެވެ.
ބީއެމްއެލްގެ އިއުލާނުގައިވާ ގޮތުން ނީލަން ހުޅުވައި އެންމެ މަތީ އަގު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ، މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީޚާ ހަމައަށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ތިބޭ މީހުންގެ ކުރިމަތީގަ އެވެ.
މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ ހުށަހެޅުން ބާތިލް ކުރުމަށް ފަހު ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ގެ ވިއްކާލަން ނުވަތަ ނީލަން އަލުން ފެށުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އަގު ދަށްކޮށް ނާލާއިންފަރުއާގެ ވިއްކާލަން ބީއެމްއެލްއިން އިއުލާންކުރިއިރު، އެ ގެ ވިއްކާލަން މީގެ ކުރިން ދެ ފަހަރަކު ވަނީ އިއުލާނުކޮށްފަ އެވެ. އެ ދެ ފަހަރުވެސް އެ ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކަށް ކަނޑައަޅާފައި ވަނީ 10 މިލިއަން ރުފިޔާ އެވެ.