ސުލޫކީ މައްސަލައެއް ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަށް ވެސް ބިރުދައްކަން ސަރުކާރުގެ އިސްވެރިންތަކެއް ފަށައިފި އެވެ.
ޝުޖޫންއަށް ބިރުދައްކަން ސަރުކާރުން ހޯދައިގެން އުޅޭ ސުލޫކީ މައްސަލައަކީ ސުޕްރީމް ކޯޓުން ޑްރައިވަރެއްގެ މުސާރައާއި، ޕެޓްރޯލް އެލަވަންސް ނެގުމަށްފަހު، ޝުޖޫންގެ އަމިއްލަ ބޭނުމަށް، ސުޕްރީމް ކޯޓުގައި އޮންނަ ކާރު، ސުޕްރީމް ކޯޓުގައި ހުރި މުވައްޒަފަކު ލައްވައި ދުއްވައި، ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
އެނގިފައިވާގޮތުގައި މި މައްސަލަ ބަލައި ފަނޑިޔާރުކަމުން ވަކިކުރާނެ ކަމަށް ބުނެ ސަރުކާރުގެ އިސްވެރިންތަކެއް އަންނަނީ ފަނޑިޔާރު ޝުޖޫންއަށް ބިރުދައްކަމުންނެވެ. މިކަން ކުރުމުގެ ބޭނުމަކީ މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ މައްސަލައިގެ ހުކުމް ސަރުކާރާ ދެކޮޅަށް ނުކުރާނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް މައުލޫމާތު އެނގޭ މީހަކު "ހުރިހާ"އަށް ކިޔައިދިނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވެސް މިހާރު ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. އޭނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައީ އޭނާއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލައި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރުދީގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވައި މިހާރު ވަނީ އެ ކޯޓުގެ ބާރު ކަނޑުވާލާފަ އެވެ. އެ ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ވެސް ތިބީ ސަސްޕެންޝަންގަ އެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖޭއެސްސީންނެވެ.