ސަރުކާރުން ރޯދައަށް ހުރިހާ ގޭބިސީތަކަށް ބަހަމުން ގެންދާ މަސްދަޅު ކޭސް އަންގާރަ ދުވަހުން ފެށިގެން ހަމައެކަނި މިފްކޯގެ މަސްފިހާރަ ތަކުން ދޫކުރަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދޫކުރަން ފެށި މަސްދަޅު ކޭސް މިހާރު ދޫ ކުރަމުން ދަނީ މާލެ ސަރަހައްދުގެ 13 ތަނެއްގަ އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގައި 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މިއާއެކު މަސްދަޅު ދޫކުރުން ހަމައެކަނި މިފްކޯ ފިހާރަތަކަށް ބަދަލުކޮށްފައި ވާއިރު، އެ ފިހާރަތައް ހުޅުވިފައި ހުންނަ ހުރިހާ ވަގުތެއްގައި މަސްދަޅު ކޭސް ދޫކުރާނެ ކަމަށް މިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މަސްދަޅު ކޭސް ދޫކުރާ ތަންތަން އަންގާރައިން ފެށިގެން ބަދަލުވިޔަސް، ދޫކުރަމުން ދާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށާއި މިރެއާއި މާދަމާ ރޭ ވެސް މިހާރެކޭ އެއް ގޮތަށް 13 މަރުކަޒުން މަސްދަޅު ކޭސްތައް ދޫކުރަމުން ދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ހުރިހާ ގެއަކަށް މަސްދަޅު ކޭސް ލިބެންދެން ކޭސް ދޫކުރަމުން ގެންދާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.