ކޮވިޑް-19ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޑރ. އަލީ އަބްދުﷲ ލަތީފްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން ކަމަށް ބުނާ މައްސަލާގައި ފުލުހުން ބައިވެރިކޮށްގެން އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ރީއެޖެންޓްސް ހޯދުމަށް ކޮވިޑުގެ ދުވަސްވަރު ހަވާލުކުރި އާރުއެމްއެލްއެސް ލެބް ސާވިސަސް ކުންފުންޏަކީ އަލީ ލަތީފުގެ މަސްލަހަތު އޮތް ވިޔަފާރިއެއް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފަ އެވެ.

ކޮވިޑް ދުވަސްވަރު ބޮޑެތި މަންފާތަކެއް ނެގިކަމުގެ ތުހުމަތު ކުރެވުނު އަލީ ލަތީފަކީ އޭރު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާ ކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމުގައި ވެސް ހުންނެވި ބޭފުޅެކެވެ.

ލަތީފްގެ އިތުރުން އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްއާއި އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޭރުގެ ވެރިޔާ ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަނީ އެދިފަ އެވެ.

މި މައްސަލާގައި އޭސީސީން ކުރިން ބުނެފައިވަނީ އަލީ ލަތީފުގެ މަސްލަހަތު އޮތް އާރުއެމްއެލްއެސް ކުންފުނިން މަނީ ލޯންޑާކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އޭރު ވެސް މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގައިދޭން ފުލުހަށް އޭސީސީން ހުށަހަޅާފައިވެ އެވެ.