ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގައި ސްޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން މުއްދަތުގައި ޖަވާބު ހުށަހަޅާފައި ވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ދައުލަތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދޭން އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން ވަނީ އެދިފަ އެވެ. އޭނާ އެދިފައި އޮތީ ކޯޓު އަމުރަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ބަންޑާރަ ނައިބަށް ފިޔަވަޅު އަޅައިދިނުމަށެވެ.
އެކަން ހާމަކުރައްވައި އަލީ ހުސައިން އެކްސްގައި ހިއްސާކުރި ޕޯސްޓަށް ރައްދު ދެއްވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ ޖަވާބުދާރީ ވާން ކޯޓުން ދިނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށެވެ.
މީގެ އިތުރުން އުޝާމް ވިދާޅުވީ މިހާރު ފެންނަނީ، ފާޅުގައި ފެންނަން ހުންނަ ކަންކަމުގައި ވެސް ދޮގު ހަދައި އޮޅުވާލާ މަންޒަރު ކަމަށާއި އެކަމުން އެ ވާހަކަތައް ދައްކާ މީހާގެ ނިޔަތް ސާފުވާ ކަމަށެވެ.
"ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން. މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން،" އަލީ ހުސައިންއަށް ރައްދު ދެއްވައި އުޝާމް ވިދާޅުވި އެވެ.
މެންބަރުންގެ ގޮންޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިވެސް އަލީ ހުސައިން ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު އަމުރުގެ ކުރިން ޖޭއެސްސީން ވަނީ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.