ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އޭނާގެ މަސައްކަތަށް ނުފޫޒު ފޯރުވަން އުފައްދާފައިވާ ދޮގު ތުހުމަތުތަކެއް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު އަޒްމިރަލްދާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ މައްސަލައިގެ ތަފްސީލް ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރަން ނިންމުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާއި އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހޯދަން އެ ކޮމިޝަނަށް ފޮނުވި ސިޓީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވަކީލް ވިދާޅުވި އެވެ.

އެ ބަޔާނުގައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލްގެ މައްސަލައާ ގުޅުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކުން މަސައްކަތް ކޮށްފައިވާތީ އެ މައްސަލަ ބަލައިދޭން އޭސީސީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެކަމުގައި ކޮރަޕްޝަންގެ ކުށެއް ނެތް ބުނެ މައްސަލަ އެ ކޮމިޝަނުން ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.