އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދިން ތާރީހްތައް ފަހަނައަޅައިދިޔައިރު ވެސް އެ މައްސަލަ ހައްލުކުރެވިފައިނުވާތީ ދެން އޮތީ އިހްތިޖާޖުކުރުން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހުރޫމުކޮށް، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާތީ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑުއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި އިންސްޓޯލްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް އަދިވެސް އެ މައްސަލަ ހައްލެއް ނުކުރެވެ އެވެ.

އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ އިތުރު ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ވެސް އެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމެއް ނޫނެވެ.