ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް ރިޔާސަތުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިގޮތަށް ނިންމެވީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޖަލްސާގެ އިތުރުން ވެސް މަޖިލީހުގައި މެންބަރުންގެ އިތުރު މަސައްކަތްތައް ކުރިއަށްދާކަން އެ ޖަލްސާގައި އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ރިޔާސަތުން އެ ދުވަހެއްގެ ޖަލްސާގެ އެޖެންޑާ އިއުލާންކުރައްވަ އެވެ. ނަމަވެސް އެ ދުވަހަކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މިހާތަނަށް ޖަލްސާތަކުގައި ރިޔާސަތުން ހާމަ ނުކުރައްވަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކު ތަރުތީބުވެފައި އޮންނަ ގޮތެއް އެ ދުވަހެއްގެ ޖަލްސާގައި މީގެ ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު މަޖިލީހުގެ ތަޅުމުން ބެލުންތެރިންނަށް މަދު މެންބަރުންތަކެއް ފެނުނުމުން ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަނަންގަވާ ކަމަށް ހީވެދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މެންބަރުން ތަޅުމުގައި ފެންނަ ނެތްނަމަވެސް ޖަލްސާ ކުރިއަށްދާ ވަގުތު ވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ހިނގާގޮތަކީ މިސާލަކަށް މިއަދު އަޅުގަނޑުމެން މަޖިލީހުގެ ތަޅުމުގައި މި ހޭދަކުރީ 1 ގަޑިއިރާ 12ވަރަކަށް މިނެޓް. ބިލުގެ ބަހުސްގެ. މިތަނުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާ ފެށިގެން މިދަނީ، އެ ބިލަކާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، އެއާގުޅޭގޮތުން މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އަދިވެސް ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް މި އަންނަނީ. އެހެންވީމަ އެ ހޭދަވާ ވަގުތުވެސް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ވާހަކަ ދެންނެވުން އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މި ރަމަޟާން މަހުގެ ހެޔޮކަމާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.