ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ މީހުންގެ ހިތުގައި އުފެދޭ ވަރަށް އާއްމު ދީނީ ސުވާލުތަކެއް ހުރެ އެވެ. ހުރިހާގެ މި ސެގްމެންޓަކީ އެފަދަ ސުވާލުތަކަށް ދީނީ އިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭ ސެގްމެންޓެކެވެ.
ސުވާލު: ނިދަން ބޭނުންކުރާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟
ޖަވާބު: ނަމާދު ކުރުމުގައި ވަކި ކަހަލަ ހެދުމެއް ލާން މަޖުބޫރެއް ނޫނެވެ. އެހެން ކަމުން ނިދަން ބޭނުންކުރާ ހެދުމުގައި ވެސް ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ.
އެހެން ނަމަވެސް ސަމާލުކަން ދޭންޖެހޭ ކަމަކީ އެ ހެދުމުގައި ނަމާދުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ ސާފތާހިރު ކަމެވެ. ނިދަން ލާ ހެދުމުގައި އެއްވެސް ބާވަތެއްގެ ނަޖިސް (ކުޑަކަމުދާ ތަކެތި/ މަނި) ފަދަ ތަކެތި އުނގުޅިފައިވާނަމަ އެ ހެދުމުގައި ނަމާދު ސައްހައެއް ނުވާނެ އެވެ.
ދެވަނަ ކަމަކީ އެ ހެދުމަކުން މީހާގެ އައުރަ ނިވާވުމެވެ. ނިދަން ބޭނުންކުރާ ހެދުމަކީ އައުރަ ނިވާވާ ފަދަ ގަޔަށް ދޫ ހެދުމެއްނަމަ އޭގައި ނަމާދުކުރުން ހުއްދަވެގެންވެ އެވެ.
މަތީގައި ދެންނެވި ޝަރުތުތައް ފުރިހަމަވާނަމަ ނިދަން ބޭނުންކުރާ ހެދުމުގައި ވެސް ފަރުޟު ނަމާދު ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.
ޖަވާބު ދެއްވީ: ޝައިހް އައްސީމް އަލް ހަކީމް