ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ކުއްލިގޮތަކަށް މިއަދު ވަކިކޮށްފައިވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުއްލިއަކަށް މިއަދު ހެނދުނު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑް ކުރިކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި، އޭސީސީން މިފަދަ މައްސަލައެއް ބަލަމުންދާކަން ކުރިން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ މިހާރުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތީމާ އެ މެޖޯރިޓީ ބޭނުން ކޮށްގެން ހިތުހުރި ގޮތަކަށް ގާނޫނުތަކަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަމުންދާ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރުމަށްޓަކައި އޭސީސީގެ އިތުރުން ޖޭއެސްސީ މެދުވެރިކޮށް ވެސް މައްސަލަތައް އުފައްދަމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސައިން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އޭސީސީން އުފައްދާފައިވާ މައްސަލައެއްކަން ސާފުކޮށް އެނގޭ ކަމަށާއި، ސަރުކާރުން ޖޭއެސްސީގެ މެންބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބުނެ، ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަން އެނގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޤައުމު ދައުލަތެއްގެ ގޮތުގައި ހިންގާނަމަ، ފަނޑިޔާރުގެއަށް އިތުބާރު އޮންނަންވާނެ ކަމަށާއި، މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވަކީލުންނާއި ގިނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.